މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ބޭއްވި ނަސްރުގެ ދުވަހުގެ އެއްވުން އިންތިޒާމު ކުރި މައްސަލައިގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މާދަމާ ފުލުހަށް ހާޒިރުކުރަން ޗިޓު ފޮނުވައިފިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން "ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅު ކޯލިޝަންގެ އޮފީސް ކުރިމަތީ ބޭއްވި އެ އެއްވުން އިންތިޒާމު ކުރި މައްސަލައިގައި ޝުޖާއު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރުފަހު 2:30 އަށެވެ.

އިދިކޮޅު ކޯލިޝަންގެ އެ އެއްވުމުގެ ތެރެއިން އެ ރޭ ޝުޖާއު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ. އަދި އޭގެ ދެ ދުވަސް ފަހުން ފުލުހުންގެ އިދާރާއަށް ހާޒިރުވާން ވެސް އެންގިއެވެ.

އެކަމަކު، ފުލުހުން ވަނީ އެކަން އެހެން ދުވަހަކަށް ފަސްކޮށްފައެވެ.

މި މައްސަލާގައި ޝުޖާއުގެ މައްޗަށް ހަތަރު ތުހުމަތެއް ފުލުހުން ކުރާ ކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުން ފަދަ ތުހުމަތުތައް ހިމެނެއެވެ. މި ތުހުމަތުތަކަށް ޝުޖާއު އިންކާރު ކުރައްވައެވެ.

ޝުޖާއު ވިދާޅުވީ އެ އެއްވުމުގައި މާސްކް އެޅުމާއި ގައިދުރުވުމުގެ ހަމަތަކަށް އަމަލުކޮށްފައި ވާނެ ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ހަރަކާތްތަކުގައި ކަމާ ބެހޭ އިދާރާތަކުން ތަފާތުކުރުން ގެންގުޅޭ ކަމުގެ ތުހުމަތު ވެސް އޭނާ ކުރެއްވިއެވެ.

ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާއިން ލިބުނު ނަސްރާ ގުޅިގެން ފާހަގަކުރާ ނަސްރުގެ ދުވަސް މުނާސަބަތުގައި ކާނިވާގައި ޖަލްސާއެއް ބާއްވަން އިދިކޮޅުން އެދުނެވެ.

އެކަމަކު ކާނިވާގައި ޖަލްސާ ބާއްވަން އެޗްޕީއޭއިން ހުއްދައެއް ނުދީ، ވާޗުއަލްކޮށް އެ ޖަލްސާ ބާއްވާން ލަފާ ދިނެވެ. އެހެންވެ އިދިކޮޅުން ދެން ނިންމީ ކޯލިޝަންގެ އޮފީސް ކުރިމަތީ އެއްވުމަށް ބޭއްވުމަށެވެ.

މިދިޔަ އަހަރު ވެސް ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކާނިވާގައި ޖަލްސާއެއް ބާއްވަން އިދިކޮޅު ކޯލިޝަނުން ރޭވިއެވެ. އެކަމަކު އެ ދުވަހަށް އެހެން ބަޔަކު އެ ސަރަހައްދު ނަގާފައިވާ ކަމަށް ބުނެ އެ ފަހަރު ވެސް ކާނިވާގައި ޖަލްސާ ބާއްވަން ހުއްދައެއް ނުދިނެެވެ.

އެ ފަހަރު ވެސްް އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނުގައި މާލޭގައި އެއްވުމުގެ ކުރިން ފުލުހުންގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބަޔާން ކުރާ މާާއްދާއަށް ރިއާޔަތްކޮށް އެ އެއްވުމަށް ފުލުހުން ހުރަސް އެޅިއެވެ. އަދި އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރުކޮށް ފަހުން ދޫކޮށްލިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ތިޔަ ސޮރުގެ ހިއްވަރު ހުއްނާނެ ތިޔައީ ބާރަށުން އުފަންވި ވަރުގަދަ ފަހުލަވާނެއް ސާބަސް ސުޖާއު

    12