އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުގައި ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ޖަލަށް ލިތާ އަންނަ ހޮނިހިރު ދުވަހަށް އަހަރު ދުވަސް ފުރޭތީ އެ ދުވަހު ހަވީރު މުޒާހަރާއެއް ރޭވުމަށް ނިންމާފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްއާއި ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި އެ މުޒާހަރާ ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރުއެވެ. އެ މުޒާހަރާ ކުރިއަށް ދާނީ "އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖެ" މި ޝިއާރުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންތަކަށް ވެރިކަން ކުރާ ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަރުކާރުގެ އިސް ބޭފުޅުން އަމަލު ނުކުރިޔަސް ފިޔަވަޅު ނާޅާ ކަމަށެވެ. އެ ގޮތަށް ހިނގައިހާ ހިނދަކު، އެ ކޯލިޝަނުން ވެސް އެ ގައިޑްލައިނަށް އަމަލު ކުރުމާ މެދު ނުސްވިނަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. ދައުލަތުން ވިދާޅުވާ ގޮތުގައި އެއީ ގއ. ވޮޑަމުލާ ލީޒްކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއެކެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމަކީ ނުހައްގު ދައުވާކޮށް އިއްވާފައިވާ ހުކުމެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ދެކެއެވެ. ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕިއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުކޮށް އިތުރު ދައުވާތަކެއް އުފުލާފައިވާއިރު ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ ކުރިއަށް ނުގޮސް ލަސްވެފައިވެއެވެ. މިކަމާ މެދު އިދިކޮޅުން ކަންބޮޑުވުން ފާޅުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީނަ

    "ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.”
    ސާބިތުވެގެން ޖަލަށްލީ

    2
    6
  2. ހަރުބޯ

    އަވަހައްނުކުންނަންްވީ މާބޮޑައްލަސްވެއްޖެ ގައުމައް ހިތައްއެރިހާގޮތެއް ގައުމައްހަދަމުންދާއިރު ހަމަމަގައްއަޅުވަން މަސއްކަތްނުކޮއްތިބުމީ ގައުމައް ވެވޭޚިޔާނަތެއް ގައުމުވަނީ ބަނގުރޫޓުވާންކައިރިވެފަ

    3
    1
  3. ކޮވިޑް

    ޝުޖާ ކަލޯ މައިމޫނާ ކައިރީގަ ބުނެގެން ކޮވިޑް އެންޓި ހުއްދަ އެއް ލިބޭ ތޯ ބަލާބަލަ.ހިޔެއްނުވޭ ދޭނެހެނެއްވެސް އެކަމް ޓްރައި ކުރެވިދާނެ ދޯ؟

    4
    2