2017 ވަނަ އަހަރު މެއި މަހު ތެރޭގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ހެކި ބަސް ނެގުމުގެ މަރުހަލާގެ އަޑުއެހުންތައް އަންނަ މަހު ފަށާ ގޮތަށް މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

މިއަދު އޮންލައިންކޮށް ކުރިއަށް ދިޔަ ކްރިމިނަލް ކޯޓުގެ އެ އަޑުއެހުމުގައި ދިފާއުގެ ފަރާތުން ވަނީ ދައުވާ ބާތިލް ކޮށްދިނުމަށް އެކި ކަންކަން ހުށަހަޅައިފައެވެ. އެކަމަކު އެ ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ ނިންމެވީ މި މަރުހަލާގައި ދައުވާ ބާތިލް ކުރެވޭ ވަރުގެ ކަމެއް ފާހަގަވެފައި ނުވާތީ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

މި ގޮތަށް ނިންމެވުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ ދެން ވިދާޅުވީ ދެން ބާއްވާ އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ހެކިތައް ހުށަހަޅަން ފަށާނެ ކަމަށެވެ. އެ އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ފުރަތަމަ އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ ނުވަވަނަ ދުވަހު ކަމަށް ގާޒީ ވިދާޅުވިއެވެ. އެކަމަކު އަޑުއެހުން އެ ދުވަހު އޮންނާނެ ގަޑިއެއް މިއަދު ވިދާޅެއް ނުވެއެވެ. ދެން އަޑުއެހުން އޮންނާނީ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހާއި އެ މަހުގެ ނަވާރަވަނަ ދުވަހު ކަމަށް ވިދާޅުވިއެވެ.

މި ތާވަލާ މެދު ދައުލަތުގެ ފަރާތުންނާއި ދައުވާ ރައްދުވާ ފަރާތްތަކުގެ އެއްވެސް އިއުތިރާޒެއް ނެތުމުން އަންނަ މަހުގެ ނުވަވަނަ ދުވަހު ހެކި ހުށަހެޅުގެ ފުރަތަމަ އަޑުއެހުން އޮންނާނެ ކަމަށް އިއުލާން ކުރައްވައި މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވިއެވެ.

ހއ.ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް މަރާލި މައްސަލައިގައި ދައުވާ ކުރާ ހަތަރު މީހުން ވެސް އެ މީހުންގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ކުރެއެވެ. ހަތަރު މީހުން ވެސް މި ވަގުތު ތިބީ ޖަލު ބަންދުގައެވެ.

މި ހަތަރު މީހުންގެ ތެރެއިން ގ. ޝާރާޒު މުހައްމަދު މަފާޒުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް 24 ހެއްކެއް ހުށަހަޅާފައިވެއެވެ. އެއީ ސިއްރު 10 ހެއްކަކާއި، ޝަފަހީ ނުވަ ހެއްކަކާއި، ކިބާތީ ފަސް ހެއްކެކެވެ.

ލ.ގަން، ވިދާތަރި، އަލީ ނިފާޒްގެ މައްޗަށް ކުރާ ދައުވާ ސާބިތު ކުރުމަށް 23 ހެއްކެއް ހުށަހަޅާފައިވެއެވެ. އެއީ 11 ސިއްރު ހެއްކާއި، ޝަފަހީ ހަތް ހެއްކާއި، ކިތާބީ ފަސް ހެއްކެކެވެ.

ރ.އިންނަމާދޫ، ސަމަންތާ، ޙުސައިން ޝާމިންގެ މައްޗަށް ކުރާ ދައުވާ ސާބިތު ކުރުމަށް 13 ހެއްކެއް ހުށަހަޅާފައިވެއެވެ. އެއީ ސިއްރު ދެ ހެއްކާއި، ޝަފަހީ ހަތް ހެއްކާއި، ކިތާބީ ހަތަރު ހެއްކެކެވެ.

ގއ. ގެމަަނަފުށި، ހަވާސް، މުޙައްމަދު ކަރަމްގެ މައްޗަށް ކުރާ ދައުވާ ސާބިތު ކުރުމަށް 10 ހެއްކެއް ހުށަހަޅާފައިވެއެވެ. އެއީ ސިއްރު ދެ ހެއްކަކާއި، ޝަފަހީ އަށް ހެއްކެކެވެ.

މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ މަފާޒްގެ މައްޗަށް މަރުގެ އަދަބު އަންނާނެއެވެ. އެ ދައުވާ ސާބިތުނުވެ ދައުވާގައި ހިމެނޭ އެހެން ކަމެއް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދެން ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ދައުވާގައިވާ ގޮތުން އެ މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންނެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.