މާލެ އަށް ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ހޮޅިއެއް ފަޅައިގެން ގޮސް މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މާލޭ ރިންގް ރޯޑްގެ މަސައްކަތް ކުރަމުން ދަނިކޮށް ފެން ފޯރުކޮށްދޭ ހޮޅިއަކަށް ގެއްލުންތައް ލިބިގެން ތިން ސަރަހައްދަކުން ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ފެނުގެ ޚިދުމަތް މެދުކެނޑުނީ މިރޭ 21:30 ހާއިރުއެވެ. ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ 25 ނަންބަރު ބްލޮކާއި 54 ނަންބަރު ބްލޮކުގެ އިތުރުން 55 ނަންބަރު ބްލޮކުންނެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މައްސަލަ ހައްލުކޮށް ދެތިން ގަޑިއިރުތެރޭގައި އަލުން ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭ ވަރު ވާނެ ކަމަށެވެ.

މާލޭ ރިންގް ރޯޑަކީ ބުރިޖާއި މާލޭގެ ޓްރެފިކް ގުޅުވާލަދޭނެ މަގެވެ. ބުރިޖު ނިމެން ވާއިރަށް ރިންގް ރޯޑްގެ ފުޅާކޮށް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ރޭގަނޑާއި ދުވާލު ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. އެމަަސައްކަތް ކުރަމުން ގެންދަނީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންނެވެ.