ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފަށަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ހޯމް މިނިސްޓަރު އިމްރާނަކީ ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު، އަދާލަތު ޕާޓީގެ ރައީސެވެ. އިމްރާން އެ މަގާމަށް ވަޑައިގެންނެވީ ވެސް އަދާލަތު ޕާޓީއަށް ކޯލިޝަންގެ ތެރެއިން އެއްބަސްވި ސްލޮޓްއެއްގައެވެ.

މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާގައި އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހިމަނާފައިވީ ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއިން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ އިމްރާންގެ އިތުބާރު އޮތް ކަމަށެވެ.ލ

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިންނެވެ. އެ ގަރާރުގައި 11 މެންބަރަކު ސޮއިކުރައްވާާފައިވެއެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުންގެ އިތުރުން އަމިއްލަ ދެ މެންބަރެކެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމާ ގުޅިގެން މަޖިލިހުގައި އާންމު ކޮމިޓީން ވަނީ އިމްރާންގެ މައްސަލަ އަށް ބަހުސް ކުރަން ދެ ގަޑިއިރު ކަނޑައަޅައިފައެވެ. އަދި އިމްރާނަށް ޖަވާބުދާރީވާން 30 މިނެޓް ވަނީ ކަނޑައަޅައިފައެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހަށް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދާފައި މިވަނީ، ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި އެ ސަފާރީގައި އެ ދުވަހު އަސްލު ހިނގީ އާދައިގެ ކުޑަ ކަމެއް ކަމަށް އިމްރާން ވިދާޅުވުމުންނެވެ. އިމްރާން ދެއްކެވި އެ ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާ އަށް އަމާޒުވިއެވެ.

އިދިކޮޅު ކޯލިޝަންގެ މެންބަރުން އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި މިވަނީ، އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިދިނުމަށް އެދި ކެންޔާ އަންހެން މީހާގެ ގާނޫނީ ވަކީލުން ވެސް މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

އިމްރާންއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވުމުން، އިމްރާން ވިދާޅުވެފައިވަނީ އޭނާ ދެއްކެވި ވާހަކަތައް އޮޅޭ ގޮތަށް ދިވެހި މީޑިއާތަކުގައި ފަތުރާފައިވާ ކަމަށެވެ. ޖިންސީ ގޯނާއަކީ ކުޑަ ކަމެއް ނޫން ކަމަށާއި ކުޑަ ކަމެއް ކަމަށް ވިދާޅުނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެކަމަކު ދެއްކެވި ވާހަކައިން އެފަދަ މާނައެއް ދޭހަވާ ނަމަ އެ ކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.