ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު މިއަދު 86 އަށް އަރައިފިއެވެ.

މިއަދަކީ އެޑްމިޓް ކޮށްގެން ފަރުވާދޭ ކޮވިޑް-19 ބަލި މީހުންގެ އަދަދު ޖެހިޖެހިގެން އިތުރުވި އަށް ވަނަ ދުވަހެވެ. މިހާރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މިމަހުގެ 15 ވަނަ ދުވަހު 47 ގައި ހުރުމަށް ފަހުއެވެ.

މިއަދަކީ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހަށް ފަހު ރާއްޖޭގައި އެޑްމިޓް ކޮށްގެން ފަރުވާދޭ ކޮވިޑް-19 ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ 86 މީހުންގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ތިން މީހަކާއި ލ.ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީގައި ދެ މީހަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިއަދު ވަނީ 46 އަށް އަރާފައެވެ. މީގެ ތެރެއިން 08 މީހުން ނިޔާވީ މިމަހުއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިއަދު 12,608 އަށް އަރާފައެވެ. އޭގެ ތެރެއިން 11،599 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑް-19 ޖެހިފައި 956 މީހުން އެބަތިއްބެވެ.