އެމްޑީޕީން ހޯމް މިނިސްޓަރު ޝެއިހް އިމްރާން ދިފާއުކުރުމަކީ މަޖިލީހުގައި އެންމެ ލަދުގަތް ދުވަސް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ހުށަހަޅާފައި ވަނީ ހުޅުމާލެ ކައިރީގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި އިމްރާން ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

އިމްރާން ވަނީ އެއީ ރޭޕްގެ މައްސަލައެއް ނޫން ކަމަށާއި ސިޔާސީ މީހުން އެކަން އޮޅުވާލާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މިއަދު މަޖިލީހުގައި ޝިޔާމް ވަނީ އެ މައްސަލައިގައި އިމްރާން ދެއްވީ ސިޔާސީ ޖަވާބުތަކެއް ކަމަށް ވެސް ވިދާޅުވެފައެވެ.

އަދި އިމްރާނަކީ އިލްމު އުނގެނިގެން ހުންނެވި މުނާފިގު ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ހޯމް މިނިސްޓަރުގެ ސިޔާސީ ތާރީޚަށް ބަލާލުމުން އެކަން ފާހަގަ ވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ދިމާއަށް ވެސް ތަކުރާރުކޮށް އިމްރާން ފާޑު ވިދާޅުވެފައި ވާއިރު މިހާރު އިމްރާން ހިމާޔަތް ކުރާ ގޮތުން ސުވާލު އުފެދޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިމްރާން، އެމްޑީޕީގެ މެމްބަރުން ބްލެކްމެއިލްކޮށްފައިވޭތޯ ޝިޔާމް ވަނީ ސުވާލު އުފައްދަވައިފައެވެ.

"މުހައްމަދު ނަޝީދު އަރިހުގައި ގިނަ ބޭފުޅުން ގެންގުޅުއްވަނީ ބްލެކްމެއިލްކޮށްގެން ކަމަށް. އަދި ރައީސް ނަޝީދުގެ ހުރި 3 ނުބައި ސިފައެއް. އޭގެ ތެރޭގައި ދޮގުހެދުން. އަޅުގަނޑު ހިތަށް އަަނީ މިއަދު ސަރުކާރުގެ މިއޮތް ވަރުގަދަ މެޖޯރިޓީ، ވަރުގަދަ ސުޕަރ މެޖޯރިޓީ ބްލެކްމެއިލްކޮށްގެން ބާއޭ އަޅުގަނޑު ހިތަށް އަރާ." އޭނާ ވިދާޅުވިއެވެ.

އިދިކޮޅުން އިމްރާން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން، އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދުގެ ހޯމް މިނިސްޓަރަށް އިތުބާރު އޮތް ކަމަށް ނިންމި ނަމަވެސް އެކަން ބަލައިނުގަނެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

" ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ވެސް 17 ވަނަ މަޖިލީހުގައި 18 ވަނަ މަޖިލީހުގައިވެސް ދެއްކެވީ މިވާހަކަ. އަޅުގަނޑުމެންނަކަށް އައިޑެންޓިޓީއެއް ނުގެއްލޭ. ދެން އެމްޑީޕީ ކިހިނެއްތޯ އިއްތިފާގު ވާނީ މި މައްސަލައިގައި؟ މި މައްސަލައިގައި ހޯމް މިނިސްޓަރު މި ކުރެއްވި އަމަލުތަކަކީ އެއީ ތިމަންނަމެން ވާގިވެރިވާ އަމަލުތަކެއް ކަމަށް ނިންމައިފި ނަމަ ވާނީ މި މަޖިލީހުގައި އަޅުގަނޑު ހޭދަކުރާ ދެ ދައުގައި އެންމެ ލަދުވެތި ދުވަަހަށް،" ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ވަރަށް ރަނގަޅު ވާހަކައެއް

  2. ދީދީ

    ސަރުކާރުގެ ހޯމް މިނިސްޓަރު އެބުނަނީ އެއީ މާކަ ބޮޑު ކަމެއްނޫނޭ، ވަރަށް އާދައިގެ ކަމެކޭ. ދެން އިވޭ އަޑުތަކަށް ބަލާއިރު އެބުނާ ރޯޔަލްމީކު އެކެންޔާގެ އަންހެންމީހާގެ އުރަމަތީފައި އަތްލައިފި، އުނަގަނޑުގައި ހިފައިފި.
    ހޯމް މިނިސްޓަރު ބުނާގޮތުންވިއްޔާމު މިކަންކަމަކީ އާންމުތަނެއްގައި ވެސް ކުރެވިދާނެކަހަލަކަންކަން. އެމްޑީޕީ ކުދިންނަށް ބައިއަތުހިފީމައި ލިބޭނެ ލަނޑު ސޭކު އިމްރާނަށް ތިލިބެނީ.
    ތިޔަހަރީ ރަނގަޅު ސޭކަކަށްވެފައި.