ޖަލުގައި ބަންދުކޮށްފައިވާ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކޮއްކޯފުޅު ފާރިސް މައުމޫންގެ ހައްޔަރާމެދު ހުރި ކަންބޮޑުވުންތައް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ހިއުމަން ރައިޓްސް ކޮމިޝަނާއި ހިއްސާ ކުރައްވައިފިއެވެ.

ދުންޔާ މި ކަންބޮޑުވުންތައް ހިއްސާކުރެއްވީ އެޗްއާރްސީއެމްގެ ރައީސާ އާމިނަތު އީނާސްއާއެވެ.

ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅު ހައްޔަރުކޮށްފައިވާ ހުރުމާއި ކޮއްކޯފުޅާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެހެނިހެން އާއްމުންނަށް ލިބެންޖެހޭ ހައްގުތަކާމެދު ހުރި ކަންބޮޑުވުންތައް އެޗްއާރްސީއެމް އާއި ހިއްސާކުރައްވާފައިވާ ކަމަށެވެ.

އެ ފަރާތްތަކުގެ ހައްގުތަށް ފުރިހަމަ އަށް އިހުތިރާމް ކުރުމަށް ދުންޔާ ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭއްވެވުމުގެ ތުހުމަތުގައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.

ނަމަވެސް މި ހުރިހާ ތުހުމަތުތަކަކަށް ރައީސް މައުމޫން ވަނީ އިންކާރު ކުރައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާއިޒް

    ކަަމަނާ އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބައްޕާ ފުޅީ ކޮށްކޯ ފުޅު ތެޅިއެރުވި ވައްތަރު...

  2. ސަން

    ބަލަ ދުންޔާގެ ބައްޕާފުޅު ކުރެއްވި ކަމަކުން ކިތައް ރަށްޔިތުންގެ ހައްގު ގެއްލެމުންދާކަން އެނގިލައްވާތޯ؟ ދަންނަވަންތޯ ރަނގަޅު ވާހަކައެއް. ޖަލު ވާނީޖަލަށް. ވަކި ހަސަބަކުން ނަސަބަކުން ވަކި ނަސްލަކުން އަޔަތީ ނުޖެހޭ 5 ތަރީގެ ހޮޓަލުގައި ގެންގުޅޭ ގޮތަށް ގެންގުޅެން. ކަމަނާގެ ބައްޕާފުޅު އެޅުއްވި ޖަލުތަކަކީ ކޮންތަނެއްކަން އަދި ކިހާފެންވަރެއްގެ ތަނެއްކަން މިހުރިހާ ދުވަހު ނޭނގުނީތީ ދެރަވަން. އަދި ޖަލުގައި ދެން ތިބީވެސް އިންސާނުން ކަން ހަނދާންކޮށްދެން.

  3. Anonymous

    ކޮން ކަމެއް އެބަފާ ތިދަރިންނަށް ނުކޮށްދެނީ. ދުނިޔޭގެ ލަދުހަޔާތްވެސް ހުންނަންވާނެ. ދަރިފުޅު ލޯބިން ބަލާ ބޮޑުކުރި ބައްޕަ ޖަލުގަ. ދަރިފުޅު މިނިސްޓިރީ ކަމުގަ. ދަރިފުޅާ ހިތްވަރުގަދަ ފިރިހެނެއްގެ ދަރިއެއްގެ ޙައްޤުއަދާކޮއްލަބަލަ. ތިކުރާ މިނިސްޓަރު ކަމަށްވުރެން ގުއިތަފާލުގަ ދަޑިން ތެޅިއްޔާ މާތާހިރުވާނެ.