ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި އިމްރާންގެ އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާަސްކޮށްފިއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވީ 11 މެންބަރެކެވެ. އިމްރާންގެ އިތުބާރު އޮތް ކަމަށް 53 މެންބަރަކު ވޯޓު ދެއްވިއެވެ. އެހެންކަމުން އިމްރާންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާހެއް ނުވެއެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައި ވެސް ސޮއިކުރައްވާފައިވަނީ 11 މެންބަރެކެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުންނާއި ތުލުސްދޫ ދާއިރާގެ އަމިއްލަ މެންބަރު އިބްރާހިމް ނަސީމްއާއި ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހްމަދު އުޝާމްއެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން 10 މެންބަރުންގެ ސޮޔާއެކު ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ ވެއްދޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ މުޅި އަދަދުގެ އަޣުލަބިއްޔަތު ލިބިގެނެވެ. މި މަޖިލީހުގައި ޖުމުލަ 87 މެންބަރުން ތިއްބަވާއިރު އިތުބާރު ނެތް ކަމަށް ފާސްވާން 44 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާންގެ އިތުބާރު ނެތް މައްސަލައިގެ ބަހުސް ކުރިއަށް ގެންދިޔައެވެ. މި ބަހުސް މަރުހަލާގައި ޖަވާބުދާރީވާން އިމްރާން ވެސް ހާޒިރުވެވަޑައިގެން އިންނެވިއެވެ. އިމްރާނަށް ދިފާއުގައި ވާހަކަފުޅު ދައްކަވަން 10 މިނެޓްގެ ތިން ފުރުސަތެއް ދެއްވިއެވެ. އެއީ ޖުމުލަ 30 މިނެޓެވެ.

އިމްރާނަށް ދެއްވި ފުރުސަތުގައި އޭނާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައި ވަނީ ސިޔާސީ މަސްރަހު ހަލަބިކޮށް ސަރުކާރު ބަލިކަށި ކޮށްލުމުގެ ނިޔަތުގައި ކަމަށެވެ. މި ގޮތުން ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި މައްސަލަ އޮޅުވާލައިގެން ވާހަކަ ފަތުރަން ސިޔާސީ ބަޔަކު މަސައްކަތް ކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ހުށަހަޅާފައިވާ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައި ފާހަގަކޮށްފައިވާ އެއް މައްސަލައަކީ ވެސް ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީގައި ރޭޕްއެއް ހިނގި ކަމަށް ބުނާ މައްސަލައިގައި އިމްރާން ދައްކަވާފައިވާ ވާހަކައެވެ.

ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ ސަފާރީގައި ރޭޕްގެ އަމަލެއް ނުހިނގާ ކަމަށެވެ. ދެން ވިދާޅުވެފައިވަނީ ސަފާރީގައި ހިނގި ކަންކަމަކީ އާންމު ތަނެއްގައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ވަރުގެ އާދައިގެ ކުޑަ ކަމެއް ކަމަށެވެ.

އިމްރާން ވާހަކަ ދެއްކެވީ ޖިންސީ ގޯނާއަށް ހިތްވަރު ލިބޭ ގޮތަކަށް ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިއުން އިމްރާނަށް އަމާޒުވުމުން އޭނާ ވިދާޅުވެފައިވަނީ އޭނާ ދެއްކެވި ވާހަކަ އޮޅޭ ގޮތަށް މީޑިއާތަކުން ގެނެސްދިނީ ކަމަށެވެ. ޖިންސީ ގޯނާއަށް ހިތްވަރު ލިބޭ ގޮތަށް ވާޙަކަ ނުދައްކަވާ ކަމަށެވެ. އެކަމަކު އެފަދަ މާނައެއް ދޭހަވާނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އިމްރާން ދެއްކެވި ވާހަކައާ ގުޅިގެން ކެންޔާ އަންހެން މީހާ ތަމްސީލް ކުރައްވާ ގާނޫނީ ވަކީލުން ވެސް ވަނީ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންގޮސްދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް ސިޓީއެއް ފޮނުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަނަމަނަ

    މިކަހަލަ ކިތައްމެފަހަރެއް އިމުރާންއާއި އަރާހަމަކުރާނެ ވަގުތުއައިސްޖެހޭއިރައް ވަރައްހުތުރުކޮއް ނިމިގެންދާނީ މިހުރިހާކަމެއް ހަމަމަގައް އަޅުވަން ރައްޔަތުން ނިކުއްނަންވީ

    42
    2
  2. މާމީ

    އިރާދަ ކުރެއް ވިއްޔާ މާގިނަ ދުވަހެއްނުވެ ވަކިވެގެން ދާނެ

    29
    1
  3. އެމަންޖެ

    ތިޔަ ފާސްވިނަމަ އިމްރާން އެކަނި މިވެރިކަން ވައްޓާލިސް.

    23
    2
  4. ޢަފްލާ

    ލާދީނީ މީހަކު ބައްޓާލާކަށް ލާދީނީ ބަޔަކު މަސައްކަތް ނުކުރާނެ

    13
  5. މުނާފިގު

    ތިބުނީ ކިހިނެއް ވެރިކަމުގަ ޖެހިޖެހީނުންދޯ އެހެންނޫނަސް މިހާރު މިއޮތްސަރުކާރައް އެކަހަލަމުނާފިގުން ވަރައްމުހިންމުވާނެ ހޮދުފޭކު އިމްރާންވެސްގަބޫލުކުރޭ އޭނަޔަކީ މުނާފިގެއްކަމައް ދެންއޭގެ އިތުރައް އެކަލޭގެދައްކާފަހުރިވާހަތައް އަޑުއަނހާލީމަވެސް އެނގޭ އެއީ މުނާފިގެއްކަން

  6. ކުޑޭ

    އެމްޑީޕީ ސަރުކާރެއްގައި ދޮގާ މަކަރުހަދާ މީހުންނަށް ތާއިދުކުރާނެ މިއަދު އެނގިއްޖެ އެކަން އިމްރާނު މޭޑޭގަ ގެންގުޅު ކޮޕީހޯދީ ކޮންތާކުންހޭ އަހައިފިނަމަބުނާނެ ރަށުގެ ފަހެރިއަތުންނޭ އެއީ ދޮގުވެރިއެއް