އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރު ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއިން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓަކީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ވާއިރު، ހިލޭ އެހީގެ ގޮތުގައި 17.79 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ބަޖެޓްގެ ޑެފިސިޓް ނުވަތަ ދަރަންޏަކީ 15.50 ބިލިއަން ރުފިޔާއެވެ.

ބަޖެޓް ދިރާސާ ކޮމިޓީއިން ބަޖެޓަށް ބަދަލު ގެނެސްފައި ވަނީ އިއްޔެ ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާކުރުމަށްފަހު ކަމަށްވާ އިރު ކޮމެޓީން ގެނައި އިސްލާހުތަކާއެކު ބަޖެޓުގެ ޖުމްލަ އަދަދު މިހާރު 34.92 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އަދި އާމްދަނީ 21 ބިލިއަނަށް އިތުރުވެފައި ވާއިރު ކުރިއަށް އޮތް އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް އަރައެވެ.

ދައުލަތުގެ ބަޖެޓަށް ކޮމެޓީން ސަރުކާރަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކާއެކު ފާސްކޮށްފައި ވަނީ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ވަނީ އަންނަ އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާއަށް އުނި އިތުރު ގެނެސްފައެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓަށް ވެސް އުނި އިތުރު ގެނެސްފައިވާ އިރު އިތުރު ބަދަލުތައް ވެސް ބަޖެޓަށް ވަނީ ގެނެެސްފައެވެ.

ބަޖެޓް ދިރާސާ ކޮމިޓީއިން ބަޖެޓަށް ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކާއި ބައެއް އިދާރާތަކުގެ ބަޖެޓަށް ގެނައި ބަދަލުތައް ފާހަގަކުރެވެއެވެ.

އެގޮތުން އޭސީސީއަށް 1.5 މިލިއަން، ބްރޯޑްކާސްޓިން ކޮމިޝަނަށް 1.9 މިލިއަން، ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް 8 ލައްކަ ރުފިޔާ އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 5 ލައްކަ ރުފިޔާ އިތުރު ކުރުކުރަން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ޕީޖީ އޮފީހާއި ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އަށް ދެ މިލިއަން، މީރާއަށް 1.5 މިލިއަން ރުފިޔާ، އެލްޖީއޭ އަށް 2.5 މިލިއަން ރުފިޔާ، އެންއައިސީއަށް އެއް މިލިއަން، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ ދެ މިލިއަން، އިސްލާމިކް ޔުނިވާސިޓީ އަށް ދެ މިލިއަން، ގައުމީ ޔުނިވާސިޓީއަށް ދެ މިލިއަން އިތުރު ކުރުމަށް ވެސް އެ ކޮމިޓީ އިން ވަނީ ނިންމައިފައެވެެ.

ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 8.9 މިލިއަން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް 11 މިލިއަން، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދެ މިލިއަން، ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ދެ މިލިއަން، ސިވިލް ސާވިސް ކޮމިޝަނަށް 2.1 މިލިއަން، އެޗްއާރްސީއެމް އަށް 1.9 މިލިއަން ރުފިޔާ އިތުރު ކުރުމަށް އެ ކޮމިޓީއިން ވަނީ ނިންމާފައެވެ.

ކޮމިޓީއިން ބަދަލު ގެނައި އިތުރު ކަންކަމަށް ބަލާއިރު އާމްދަނީ ހޯދަން އިތުރުކުރާ ކަންކަމާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ.

އެގޮތުން ޓެކްސް އަށް ގެނައި ބަދަލުތަކަށް ބަލާއިރު، ޓީޖީއެސްޓީގެ ގޮތުގައި 598 މިލިއަން، ގްރީން ޓެކްސްގެ ގޮތުގައި 253 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައި ވާއިރު، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 218 މިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި އޭޑީސީން 219 މިލިއަން، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން އަދި ހަރުމުދަލުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޯދަ މުބާރިކް

    މިއޯ! ބޮޑުވި ބަޖެޓު މި ކުޑަވީ ކިހިނެއް ކޮމިޓީގަ؟ ގަދަ އިނގޭ!

  2. އެމަންޖެ

    130 މިލިޔަން ތިޔަ އިތުރުކުރީ މޮޔަވެގެންތަ ތިޔަ ދިރުވާލާނެ ފެންފޮދަކާވެސްނުލާ ، 130 ބިލިޔަން އިތުރުކޮއްލިނަމަ ކޮއްމެސް ވަރެއްއިނގުނީސް ބަނޑުތަކުން.