އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރި ބަޖެޓް ކޮމިޓީގެ ރިޕޯޓްގެ ބަހުސް މަރުހަލާ އަންނަ އާދީއްތަ ދުވަހު ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓްގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާއެވެ. އެ ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި ވަނީ 15.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެއީ މިހާތަނަށް ހުށަހެޅި އެންމެ ޑެފިސިޓް ބޮޑު ބަޖެޓެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އެއްކޮށްލައިގެން އެކުލަވާލާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރުކޮށް 43.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދުމަށް ފަހު އާމްދަނީ ލަފާ ކުރާ މިންވަރު ވަނީ 21 ބިލިއަން ރުފިޔާއަށް އިތުރުކޮށް ފާސްކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި މަޖިލީހުގެ ހުރިހާ މެންބަރުންނަށް އެ ރިޕޯޓް ހިއްސާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަޖެޓް ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާ ފެށޭނީ އަންނަ އާދީއްތަ ދުވަހުގައެވެ.

ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތް މިނެޓްގެ ފުރުސަތެއް ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނެއެވެ. މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު މިއީ ގާތްގަނޑަކަށް 10 ގަޑިއިރުގެ ވަގުތެކެވެ.

އަންނަ އާދީއްތަ ދުވަހު ބަހުސް ފަށާއިރު ހޯމަ ދުވަހަށް މިހާރު ހިނގާ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ހަމަވާނެއެވެ. އެކަމަކު މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ދައުރު ދިގު ވެސް ކުރެވޭނެއެވެ. ނަވާރަވަނަ މަޖިލިސް ފެށުނު ފަހުން ހިނގި ކޮންމެ ދައުރެއް ވޯޓަކުން ފާސްކޮށްގެން ދައުރު ދިގުކޮށްފައިވެއެވެ.