ހުޅުލެ – ހުޅުމާލޭ ލިންކް ރޯޑްގައި ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުމަށް ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑައީ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އަދި ތައިލޭންޑްގެ އެންސިސް ކުންފުނިން ފަރާތުން ސޮއިކުރީ އެކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރ ޗުމްޕުލް ޕަޓަނުކުމެވެ. މި ރަސްމިއްޔާތުގައި އެންސިން ކުންފުނިން ވަނީ ސްޓެލްކޯއާއި އެކު ޕަވަރ ޕާރޗޭސް އެގްރީމެންޓްގައިވެސް ސޮއިކޮށްފައެވެ. ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީއެވެ.

އެސްޕަޔަރގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި ފަސް މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރަން ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ. އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ފަންނީ އަދި މާލީ ޤާބިލުކަމަށް ބަލައި އަދި އޭގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހެޅީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުންނެވެ. އެކުންފުނިން ހުޅުލެ އަދި ހުޅުމާލޭ ގުޅޭ ލިންކް ރޯޑުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ޤާއިމުކޮށް އޭގެއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ.

އެސްޕަޔަރ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ. އެހެންކަމުން މިއަދު ސޮއިކުރެވުނު 5 މެގަވޮޓްގެ ސޯލާއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް އެއްބަސްވުމުގެ ދަށުން ގަންނަން ލިބެނީ މީގެ ކުރީން ސޯލަރ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގަ އެވެ.

ދިވެހިރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް މިއަދު ސޮއިކުރެވުނު އެސްޕަޔަރގެ 2 ވަނަ ފިޔަވަހިން އެކަނިވެސް ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވެއެވެ. އެގޮތުން މި ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަން އަހަރަކު ރައްކާކުރެވޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ޤާއިމުކުރާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ސޯލަރ ޕީވީގެ ނިޒާމް ޤާއިމުކޮށްފައިވާ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކްޗަރ މަރާމާތްކޮށް ބެލެހެއްޓުމަކީ އެއްބަސްވުމުގެ ދަށުން ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރާ ކުންފުނީގެ ޒިންމާއެކެވެ.

ހުޅުލެ – ހުޅުމާލެ ލިންކް ރޯޑުގައި ޤާއިމުކުރާ 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމެގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) މަޝްރޫޢަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާރލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ.