ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް ގަވާއިދާ ހިލާފަށް ސައިކަލު ދުއްވުމުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މައްސަލަ ބަލަން ފަށައިފިއެވެ.

ޖޭއެސްސީއިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން މެޖިސްޓްރޭޓް އަލީ ޝަރީފްގެ ބަލަމުން ދަނީ ގާނޫނު ހުއްދަ ކުރާ މިންވަރަށް ވުރެ ގިނައިން ކުޑަކުދިން ސައިކަލަށް އަރުވައިގެން ދުއްވި މައްސަލައެކެވެ.

މީގެ އިތުރުން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމްއާއި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް މެޖިސްޓްރޭޓް އަހުމަދު އަކްރަމްގެ މައްސަލައެއް ބަލަން ވެސް ޖޭއެސްސީ އިން ނިންމާފައިވެއެވެ.

މި ގޮތުން ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލައަކީ ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާ ކަމަށް ބުނާ މައްސަލައެކެވެ. އަދި ކައިވެންޏެއް ރުޖޫއަ ކޮށްދިން ކަމަށް ބުނާ މައްސަލައަކާއި މީސް މީޑިއާގައި ފަނޑިޔާރަކު ހިއްސާ ކޮށްގެން ނުވާނެ ހިޔާލެއް ފާޅު ކުރި ކަމަށް ބުނާ މައްސަލައެއް ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމްއާ ގުޅޭ ގޮތުން ޖޭއެސްސީ އިން ބަލާ މައްސަލައަކީ މައްސަލައެއް ހިންގުމުގައި އެކަށީގެން ނުވާ މިންވަރަށް ލަސްވެފައިވާ ކަމަށް ބެލެވޭ މައްސަލައެއް ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޖޭއެސްސީ އިން ދާދި ފަހަކުން ވަނީ ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލައެއް އެކަށީގެންނުވާ ވަރަށް ލަސްވާނަމަ އެ މައްސަލަތަކުގައި ފަނޑިޔާރުން ގާނޫނުތަކާ އެއް ގޮތަކަށް އަމަލުކޮށްފައިވޭތޯއާއި ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރޭތޯ ބެލުމަށް ނިންމައިފައެވެ. އަދި އެކަމާ ގުޅޭ އުސޫލުތަކެއް އެކުލަވާލައި ސާކިއުލާއެއް ވެސް ނެރެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަަަަަާަާސިިމް

    އެބައަރުވާ 4 ކުދިންވެސް. ތިޔަވަރު އަދި ކުޑަ.

  2. ޒަކައްޓެ.

    އައްޔާ ކޮބާ ދެން ނުދުއްވާތި.. އަޅެ ދޮން ހައްވަ އަރުވައިގެން ދުއްވިނަމަދޯ.

    2
    1