އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ބޮޑު ކަމުން ކުރިމަތިވި ކަންބޮޑުވުންތަކަށް އެމްޑީޕީގެ ސަޕޯޓަރުންނަށް ތަސައްލީއެއް ގެނެސްދޭން ބަޖެޓް ފޮތުގައި އެމްޑީޕީގެ މެންބަރުން ހިތު ހުރި އަދަދެއްގެ އާމްދަނީއެއް ލިޔެލީ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސްގައި މެންބަރު ސައީދު ވިދާޅުވީ ފުރަތަމަ ޑެފިސިޓް ބޮޑު ބަޖެޓެއް ގެނައުމުން މާލީ އިދާރާތަކުގެ ކަންބޮޑުވުމަކަށްވީ އާމްދަނީ ނުލިބުމެއް ނޫން ކަމަށެވެ.

މާލީ އިދާރާތަކުން ބަޖެޓަށް ދިން ލަފައަކީ އާމްދަނީ އިތުރު ކުރުމަށް ހަރަދު ކުރާނެ މަޝްރޫއުތަކެއް ނެތުމާއި އާމްދަނީ ނުލިބޭ މަޝްރޫއުތައް އޮތުމާއި ގައުމީ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެކަށީގެންވާ ކަމެއް ނެތުމުންނާއި ރިކަރެންޓް ހަރަދު ބޮޑުވުން ކަމަށް ސައީދު ފާހަގަކުރެއްވިއެވެެ. ވަކިން ހާއްސަކޮށް މިނިސްޓްރީތަކުގެ ހިންގުމުގެ ބަޖެޓް ބޮޑުކަން ސައީދު ފާހަގަކުރެއްވިއެވެ.

"މަޖިލިސް ކުއްލިއަކަށް އެލާޓަކަށް އައިސް، ބަޖެޓް ކޮމިޓީ ބާއްވައި، އާޓިފިޝަލް އިންކްރެމެންޓެއް ގެނެސް، ވަރަށް މޮޅު ހައްލެއް އެ ގެނައީ، އިތުރަށް ހަތަރު ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓް ފޮތުގައި ޖަހާލީ، އެމްޑީޕީގެ ހުރިހާ މެންބަރުން މިހާރު އެ ތިއްބެވީ ހަމަ ޖަހާލި އަދަދަށް އާމްދަނީ ލިބޭނެ ކަމަށް ގަބޫލު ކުރައްވައިގެން، މިއަށް ވުރެ ބޮޑު މުއުޖިޒާތެއް ކޮބައިތޯ." ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި އިގްތިސާދީ ދާއިރާގެ އެކި މިނިސްޓްރީ ހުރި ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެއްވެސް ކަމެއް ހާސިލް ނުކުރެވި ދަނީ އެ ޕާޓީގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށެވެ. އަދި ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެމްޑީޕީގެ އަތުގައި ނެތި ކޯލިޝަންގެ އެހެން ޕާޓްނަރުންނަށް ލިބެނީ ވެސް އެމްޑީޕީގެ ނާގާބިލް ކަމުން ކަމަށް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 17 ބިލިއަނެއްހާ ރުފިޔާއެވެ. ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި ވަނީ 15.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެއީ މިހާތަނަށް ހުށަހެޅި އެންމެ ޑެފިސިޓް ބޮޑު ބަޖެޓެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އެއްކޮށްލައިގެން އެކުލަވާލާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރުކޮށް 43.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދުމަށް ފަހު އާމްދަނީ ލަފާ ކުރާ މިންވަރު ވަނީ 21 ބިލިއަން ރުފިޔާއަށް އިތުރުކޮށް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާގޮޑިރާޖަ

    މެނޭޖަރުކަން ހޯދަން މިހާރު ޑިގްރީ އެބަޢޮތޭ ކިޔާފަ އޯނަރަކަށް އޮޅުވައެއްނުލެވޭނެ. މިހާރު އެޗްއާރުން ބަލާނެ.

  2. ސާނާ

    ސައީދު ތެދެއްބުންޏަސް މި އިދިކޮޅު ބައިގަނޑު ޤަބޫލެއްނުކުރާނެ މި ސާލިހަކީ ތަނެއްދޮރެއްއެނގޭ މީހެއްނޫން