ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދަށް ދައުވާ ކުރާ ޝަރީއަތުގައި މިއަދު ބޭއްވުމަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ވެއްޖެއެވެ.

ކްރިމިނަލް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް މިއަދު ހެނދުނު 10:30 ގައި ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލް ވެފައިވާ ކަމުގެ މެސެޖް ކްރިމިނަލް ކޯޓުގެ އިދާރާއިން ވަނީ ފޮނުވައިފައެވެ. އެ ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އަޑުއެހުން ކެންސަލްވީ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު އާލާސްކަންފުޅާ އުޅުއްވާތީއެވެ.

ޑިސެމްބަރު 4، 2019 ގައި ގާސިމް މަރާލީ ޓެކްސީ ދަތުރެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ހަމަލާއެއްގައެވެ. އެއީ އެ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ.

ތަހުގީގު މަރުހަލާގައި އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެސް ވެފައެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވިއެވެ.

އެކަމަކު އަވަސް ނިޔާގެ އަޑުއެހުމުގައި އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އިންކާރު ކޮށްފައެވެ. އަދުހަމް ބުނި ގޮތުގައި ކުރިން ކުށަށް އިއުތިރާފްވީ ފުލުހުން އެ ކަމަށް މަޖުބޫރުކޮށްގެނެވެ. އަދި ފުލުހުން އޭނާ ޝަރީއަތަށް ގެންދަނީ ވެސް މަސްތުގެ ހާލުގައި ކަމަށް ބުންޏެވެ. އެކަމަކު ފުލުހުން މި ތުހުމަތުތައް ދޮގުކުރެއެވެ.

އެންމެ ފަހުން މި މައްސަލައިގައި ބޭއްވި އަޑުއެހުންތަކުގައި އިބްތިދާއީ ބަހުސްގެ މަރުހަލާ ނިންމައި ހެކި ބަސް ނެގުމުގެ މަރުހަލާއަށް ނުދެވި ލަސްވެފައިވަނީ އަދުހަމަށް ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެންމެ ފުރަތަމަ އަދުހަމަށް ދައުލަތުގެ ފަރާތުން ދިފާއީ ވަކީލަކު ހަމަޖެއްސިއެވެ. އެކަމަކު ދައުލަތުން ހަމަޖެއްސި ވަކީލާ އެކީގައި މަސައްކަތް ކުރަން އަދުހަމް ފަހުން ދެކޮޅު ހެދިއެވެ. އެއީ ދައުލަތުން ހަމަޖެއްސީ ޒިންމާދާރު ވަކީލެއް ނޫން ކަމަށް ބުނެއެވެ.

އަދުހަމަށް އާ ވަކީލަކު ހަމަޖައްސަން ދިން ފަސް ދުވަހުގެ ފުރުސަތުގައި ވެސް ވަކީލަކު ހަމައެއް ނުޖެހުނެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދުހަމް ބުނި ގޮތުގައި ވަކީލަކު ހަމަޖައްސަން ފޯނު ކޯލު ކުރުމުގެ ފުރުސަތު ކަރެކްޝަން އިން ހަމަޖައްސައިނުދެއެވެ.

އަދުހަމް ބުނެފައިވަނީ ވަކީލަކު ހަމަޖައްސަން ފޯނު ކޯލުގެ ފުރުސަތު ލިބި އަދި ދައުލަތުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ލިބޭނަމަ ދައުލަތުން ކަނޑައަޅާ އެހެން ވަކީލަކާ އެކު ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އެކަމަކު އެ ފުރުސަތުތައް ހަމަނުޖެހޭނަމަ ވަކީލަކާ ނުލައި އަމިއްލައަށް ދިފާއުވާ ގޮތަށް ކުރިއަށް ދިއުމުގައި ވެސް މައްސަލަ ނެތް ކަމަށް ބުންޏެވެ.

ގާސިމްއަކީ އދ. މާމިގިއްޔަށް އުފަން މީހެކެެވެ. ޑްރައިވަރު ގާސިމް ނިޔާވިއިރު އުމުރުން 59 އަހަރެވެ. އޭރު އަނބިމީހާއާއި ފަސް ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ. ގާސިމް މަރާލި އަދުހަމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ފޭރުމާއި ވައްކަމުގެ ރެކޯޑު އޮތް މީހެކެވެ.