ކޮންމެ ތިން ދިވެހި އަންހެނުންގެ ތެރެއިން އެކަކަކީ ކޮންމެވެސް މީހެއްގެ ފަރާތުން ކޮންމެވެސް ސިފައެއްގައި އަނިޔާ ލިބޭ މީހެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވާ ދުވާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި އެމީޙުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުން އިސްކަންދޭ މައިގަނޑު އެއް އަމާޒު ކަމަށެެވެ.

އަދި ޖިންސީ ހަމަހަމަކަމާއި އިންސާނީ ހައްގުތަކަކަވީވެސް މިކަމާއި އެއްފަދައިން މި ސަރުކާރުން އަންހެނުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާ ދެ އަސާސް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސަލް ނަސީމް ވަނީ ދިވެހި އަންހެނުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކީ ކޮންމެވެސް ސިފައެއްގައި އަނިޔާ ލިބޭ މީހެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެކި ސަބަބުތަކާއި ހުރެ އަނިޔާ ލިބޭ މީހުން މިފަދަ އަނިޔާތަކުން އަރައިގަތުމަށް ބޭނުންވާ ފުރިހަމަ އޯގާތެރިކަމާއި އަޅާލުން އަދި ބޭސްފަރުވާ ވެސް ނުލިބި ހުންނަކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އަންހެނުންނަށް އަނިޔާކުރާ މީހުންނަށް ގާނޫނުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ކުރިން އެމީހުން ސަލާމަތްވާ ކަމަށެެވެ.

މިއީ ދިގުދެމިގެންވާ މައްސަލައެއްކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްވެ ހުންނަވައިގެން މި މައްސަލަ ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.

"މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް އަދިވެސް އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ. މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން މިފަދަ ކަންކަން ހުއްޓުވުމަށް ކުރާ މަސައްކަތްތަތަކަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފައި" ނައިބު ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތުން އަރައިގަނެވުމާއި އެކު މިފަދަ ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތް ބާރު މިނުގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ސަރުކާރުން އަންނަނީ މިފަދަ އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް އަނިޔާ ލިބޭ މީޙުންނަށް ހާއްސަ ހިޔާއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަންހެނުންނަށް މިފަދަ އަނިޔާ ދޭ މީހުންނަށް އަދަބު ދިނުމަށް އޮންނަ ސިސްޓަމްވެސް ރިފޯމް ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"މި ފުރަބަންދުގެ ތެރޭގައި ސަރުކާރުން ވަނީ އަންހެނުންނަށް މިފަދަ އަނިޔާ ކުރާ ނަމަ އެކަން ރިޕޯޓު ކުރުމަށް ގޮވާލާފައި. އަދި އެކަމަށް ހާއްސަ ހޮޓްލައިންތަކެއްވެސް ކަނޑައެޅި. މިހާރު އަންނަނީ ރިޕޯޓު ކުރުމުގެ އުސޫލުތަކަށް ބަދަލުގެނައުމަށް މަސައްކަތް ކުރަމުން. މިއީ މިފަދަ އަނިޔާ ލިބޭ ފަރާތްތަކަށް އެކަންކަން ކަމާބެހޭ އިދާރާތަކާއި ހަމަޔަށް އެނގުމަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެއް" ފައިސަލް ނަސީމް ވިދާޅުވިއެވެ.

މި ވީޑިއޯ މެސެޖު ނިންމާލަމުން ފައިސަލް ނަސީމް ވަނީ މި ސަރުކާރުން އަބަދުވެެސް މަސައްކަތް ކުރާނީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކަމަށާއި، އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ހޯދައިދޭނެެ ކަމުގެ ޔަގީންކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޢަސްލު މައްސަލައަކީ މަސްތުވާ ތަކެއްޗާ ބަނގުރާ ލާއިންސާނީ އަމަލުތަކާ ކުށްކުރުން ގިނަވަނީ އެތަކަތީގެ ސަބަބުން މީގެއިތުރުން. ޝައިތާނީ ބާރު ގަދަކުރުވާ ވަހުޝީ ފިލްމުތަކާ ވީޑިޔޯ ތަކާ ވެބްސައިޓްތައް މީވަރައްވާހަކަ މީގެ އިތުރުން ކުށްކުރާމީހުން ހިމާޔަތްކުރާތީ ލިބޭހިތްވަރު

  2. ޢިމުރޯނު

    ޢަސްލު މައްސަލައަކީ މަސްތުވާ ތަކެއްޗާ ބަނގުރާ ލާއިންސާނީ އަމަލުތަކާ ކުށްކުރުން ގިނަވަނީ އެތަކަތީގެ ސަބަބުން މީގެއިތުރުން. ޝައިތާނީ ބާރު ގަދަކުރުވާ ވަހުޝީ ފިލްމުތަކާ ވީޑިޔޯ ތަކާ ވެބްސައިޓްތައް މީވަރައްވާހަކަ މީގެ އިތުރުން ކުށްކުރާމީހުން ހިމާޔަތްކުރާތީ ލިބޭހިތްވަރު

  3. ޖާބިރު

    ތި ބޭފުޅާއަކީ އޭގެން އެކަކު

  4. ގުރަހަ

    އަހަރުމެންގޭގަ 12 އަންހެނުން އުޅޭ އެތަނުން އެކަކަށްވެސް މީހެއްގެ ފަރާތުން އަނިޔާއެއް ނުވޭ އެކަމަކު ސައިކަލުގަދުއްވާފަދަނިކޮށް ވެއްޓި އަނިޔާވެފަތިބި ތިންއަންހެނުން އެބަތިބި އެއަނިޔާ ލިބުނީ ސައިކަލުގެފަރާތުން ކަލޯހާދަގަޅިޔޭ.

  5. ދީދީ

    ނައިބު ރައީސް މިހާރު އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ ތިޔަބުނާ އަނިޔާގެ މިންގަނޑުތަށް. މިދޭތެރެއަކުން ޔޮޓެއްގައި ހިނގި ތިޔާޒާތުގެ ކަމަކާއި ގުޅިގެން ހޯމްމިނިސްޓަރު އިމްރާނު ވިދާޅުވަނީި އެއީ އާންމު ތަނެއްގައި ހުރެފައިވެސް މީހަކު ކޮށްލާނެހައިވަރުގެ ކުޑަކުޑަކަމެކޭ، ރޭޕެއްނޫނޭ. އެހެންވީމައި ހޯމްމިނިސްޓަރު އެވިދާޅުވާއެއްޗަކުން ދޭހަވަނީ އާންމު ތަނެއްގައި ހުރެފައި ކުރާ ނުވަތަ ކުރެވޭ ކުޑަކުޑަ އެޒާތުގެ ކަމަކީ އެއީ ފުރައްސާރު ނުވަތަ އަނިޔާއަށްނުވާނެކަމަށް.