މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯ އިން ފެންނަ މީހަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެކެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ވީޑިއޯ އިން ފެންނަ މީހާ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.