މާލެއާ ދުރު ރިސޯޓްތަކުގެ ކުލި ކުޑަ ކުރާ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބަން އެ ސަރަހައްދުތަކުގައި އިތުރު ވިޔަފާރިތަކާއި އިގްތިސާދީ ހަރަކާތްތައް އުފެދިގެންދާނެ ކަމަށާއި އެ ހަރަކާތްތަކުން ދައުލަތަށް އިތުރު އާމްދަނީ ލިބިގެން ދާނެ ކަމަށް ބައެއް ވަޒީރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކުރުމަށް މުޅި މަޖިލިސް އެއްކޮށްގެން ބޭއްވި ކޮމިޓީއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހާޒިރުވެވަޑައިގެންނެވިއެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ބައެއް އަމިއްލަ މެންބަރުން ވަނީ ރިިސޯޓް ކުލި ކުޑަ ކުރުމަށް ބިލުގައި ހުށަހަޅާފައިވާ އިރު އޭގެ ސަބަބުން އާމްދަނީ ދަށްވެގެން ނުދާނެތޯ ސުވާލު ކުރައްވައިފައެވެ. އަދި ބައެއް އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީ ނުވަނީ އަގުގެ ސަބަބުންތޯ ލިބިދޭ ހިދުމަތްތައް މަދުވުމުންތޯ ނުވަތަ އެ ލޮކޭޝަނެއްގެ ސަބަބުންތޯ ވެސް މެންބަރަކު ސުވާލު ކުރެއްވިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަހުސްގައި މަޖިލީހުގައި ތިއްބަވާ އިދިކޮޅު ބައެއް މެންބަރުން ވަނީ ބިލުގައި ހިމެނޭ ކަންކަމުން އާމްދަނީ އިތުރު ނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.

މި ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވުމުގައި ލޮކޭޝަނާއި ހިދުމަތާއި އުމްރާނީ ބިނާތަކަށް ވުރެ ހަރުދަނާ ސިޔާސަތުތައެއްގެ ރޯލު ބޮޑު ކަމަށެވެ. މި ގޮތުން މި ސަރުކާރު އައި ފަހުން ޖުޑިޝަރީއަށް ގެނެވުނު އިސްލާހުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ވެސް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިސޯޓްތަކުގެ ކުލި ކުޑަ ކުރި ނަމަވެސް އެ ސަރަހައްދުތަކުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރެވި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިތުރު އިގްތިސާދީ ހަރަކާތްތައް ފެށިގެން ދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އާމްދަނީއަކީ ރެންޓަށް ލިބޭ އާމްދަނީއެއް ނޫން. ރިސޯޓް ތަރައްގީވެ ވަޒީފާތައް އިތުރުވެ އުފެދޭ އާ ވިޔަފާރިތަކާއި އިގްތިސާދީ ހަރަކާތްތަކުން ލިބޭ އާމްދަނީ." ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. މައުސޫމް ވެސް ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ނިޒާމު މިހާރު ބޮޑަށް ބައްޓަން ކުރެވިފައިވަނީ ވިޔަފާރިތަކުން ލިބޭ ޓެކްސްއަށް ކަމަށެވެ. އެހެންކަމުން ރިސޯޓް ކުލި ކުޑަކޮށް ކުލި ކުޑަކުރެވޭ ސަރަހައްދުތަކުގައި ރިސޯޓް ވިޔަފާރި ފުޅާވުމުގެ ސަބަބުން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި އެކި ސަރަހައްދުތަކަށް އެކި ކުލި ކަނޑައަޅާފައިވެއެވެ. މި ގޮތުން އެންމެ ކުޑަ ކުލީގެ އަގުތަކެއް ކަނޑައަޅާފައިވަނީ އައްޑުއާއި ފުވައްމުލަކަށެވެ. ދެން އެންމެ ކުޑަ ކުލީގެ އަގުތައް ކަނޑައަޅާފައި އޮތީ ހއ. އަތޮޅާއި ހދ. އަތޮޅަށެވެ. ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވަކި އަގުތަކެކެވެ. ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވަކި އަގުތަކެއް ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބްރާހިމް

    އާމްދަނީ އިތުރުވާނީ ތިޔަބޭފުޅުންގެ ޖީބަށެވެ.

    11
  2. ފޫއެބުރި

    އަދިވެސް ތިބަލަނީ މުއްސަދިންގެ ޖީބުފުރާން ކީއްވާނީ ސްޓަރފުންގެ މުސާރަ ބޮޑުކުރަން ހުށައެޅިނަ މަ. ނޫންނަ މަ ރިސޯޓްތަކުން މުއައްޒަފުންގެ މުސާރަ އިހުހުރި ގޮތަށް ބިލެއް ހުށައަޅާން. ވިލާގެ މުއައްޒަފުން އަދިވެސް ދެނީ ކުޑަ މުސާރައެއް. ވިލާ ރިސޯޓްތަކަށް ވުރެ ފަތުރުވެރިން ގިނައިން ތިބި ރިސޯޓްތަކެއް މިވަގުތު ރާއްޖޭގަ ނޯންނާނެ އެން މެކުގަ މުސާރަވެސް ދެނީ ވިލާގެ ރިސޯޓް ތަކުން %35 މުސާރަ މިދެނީ ކިހާނިކަނެތިކޮއް ސޭޓް މުއައްޒަފުން މިގެންގުޅެނީ އަޅުންގެ ގޮތުގައި . މަހުޖަނުންގެ ގޮތްބާ މިއީ ؟؟

  3. މުލައްމާ

    ރައްޔިތުން ފެލައިގެން އާމްދަނީ އިތުރުވެދާނެ.މިހާރު ބުރަމަސައްކަތުން ޚަރަދުކޮށްގެން ހައްދާ މިރުސްގަހުން ވިއްކާ މިރުހުންވެސް ޓެކުސް ނަގަން އެވިސްނަނީ.އަންނަ އަހަރަކީ ރައްޔިތުން ފެލާނެ އަހަރެއް.ދުވާލަކު މާގިނައިން ހިގިޔަސް ފީއެއްނަގާނެ.

    • ....

      މިހާރުވެސް އަހަރެމެން ހިނގާ ނިގާ ކައި ބޮއެ މިހަދަނީ ޓެކްސް ދައްކައިގެން...އެހެން ނުކިޔަސް ޓެކްސް ނުދައްކާ މިބުނި ކަންކަން ކުރެވޭނެ މަގެއް މިގައުމަކުނެތް...މިހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ ދުނިޔެއަށް ހޭބަލިވެފަ ތިބި ދިވެހި ރައްޔިތުން...ސުމެއްގެ ބައިކުޅަބައި ހަމަ ނުވާ އިރު އަހަރެމެން ގެ ހިތުގަ މިއޮންނަނީ އެތައް ބިލިއަނެކޭ...ލިބޭ މިންވަރުން ކަންކަން ކުރަން އުޅޭނަމަހީ މިހެނެއް ނުވާނެ...ތާކުން ދޮގުވެރި ހީލަތްތެރިއަކު އައިސް ދުނިޔޭގެ ކަނުން ޒީނަތުގެ ތަންފުކެއް ލައިގެން ކައްކާދޭ ހިޔާލީ ފޮލާގައި އާވާރަވެ ހޭބަލިވެގަންނަ ސިކުނޑީގެ ބޭނުންނުކުރާ ބައެއްގެ އަމިއްލަ އެދުމުގެ ދަހިވެތި ކަމުން ކުރިމަތިލާން ޖެހުނު ނަތީޖާމިއީ...މީގެ ހިތިރަހަ ދެކެން ޖެހޭނެ ދެން...އެހެނަސް އަދިވެސް ވަގުތު އެބައޮތް...އިސްލާހަށް އެދޭނަމަ ހަގީގީ މާނާގައި އެކަމަށް ކުރަންޖެހޭ ކަންކަން ފަރުދީގޮތުން ފަށަންވީ މިހާރުން މިހާރަށް...ކޮންމެ ބަޔަކު ވެރިކަމުގަ ތިއްބަސް ވެރިކަން ހިނގާނީ ރައްޔިތުން ރުހޭ ގޮތަކަށް...މިތާ މިވާ ގޮތަކީ ވެރުކަމުގެ ދަހި ލަނގޮޑީގަ ވާ ބަޔަކު އެމީހުންގެ ބޭނުންތަކަށް ރައްޔިތުންގެ ވިސްނުންމަދު ބަޔަކު ހައްލައިގެން ރުއްސަނީ....އެހެންވީމަ ރައްޔިތުން އެކަތިވެ އެކަންކަމާއި ނުރުހުން އެއީ ހައްލަކާއި ގާތްމަގެއް ކަމަށް ފެނޭ...

  4. ލޫޓުވާ

    ރައްޔިތުންނަށް ވައްކަން ނުކުރެވުނަސް ތިބޭފުޅުންނަށް އެކަން ކުރެވޭނެ. ވައްކަންކުރެވޭނެ ނޫނީ ޕާޓީ މިހަކަށް ބޮޑު ފައިދާއެއް ހޯދަދޭންތިއުޅެނީ.