މާލޭގައި އެއްވުމުގެ ކުރިން ފުލުހުންގެ ހުއްދަ ނަގަން ޖެހޭ ގޮތަށް އޮންނަ މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް އިތުރަށް ފުރިހަމަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމާތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އަނބުރާ ފޮނުވާލަން މިއަދު ފާސްކޮށްފިއެވެ.

ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު ދިރާސާކޮށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ރިޕޯޓް ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލަން ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީއަށް ފޮނުވާލަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮންނަ އެ މާއްދާއަކީ ޕީޕީއެމްގެ މެޖޯރިޓީ އޮތް އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ފާސްކޮށް އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި މާއްދާއެކެވެ. އެ މާއްދާ އުވާލައި އެއްވެ އުޅުމަށް ފުރުސަތު ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

އެކަމަކު ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުމުގެ ކުރިން މަޖިލީހަށް އެ މާއްދާ އުވާލުމުގެ ބިލެއް ހުށަހެޅުއްވީ ޖާބިރެވެ. ނަވާރަވަނަ މަޖިލީހުގެ ކުރީކޮޅު ހުށަހެޅި ބިލް ތަޅުމަށް ބަލައިގަނެ ކޮމިޓީ މަރުހަލާގައި ބިން އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކަމާ ގުޅުގެން އެެ ހައްގު ދޫކޮށްލަން މި ސަރުކާރުން ވެސް ބޭނުން ނުވާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތައް އަމާޒުވިއެވެ.

ބިލަށް ބަދަލުތަކެއް ގެނެސް ކޮމިޓީން ބިލް ފާސްކުރީ މިދިޔަ މަހުގެ ތެރޭގައެވެ. މި ގޮތުން މާލޭގައި އެއްވުމަށް ހުއްދަ ނަގަން ޖެހޭ މާއްދާ ބާތިލް ކުރުމުގެ އިތުރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވުން ނުބޭއްވޭނެ ވަކި ސަރަހައްދުތަކެއް ކަނޑައެޅިއެވެ. އެ ސަރަހައްދުތައް ފިޔަވައި ކޮންމެ ތަނަކު ވެސް ހުއްދަ ނެތި އެއްވެވޭނެ ކަމަށް ބިލްގައިވެއެވެ.

އޭގެ ތެރޭގައި ވައިގެ ބަނދަރުތަކާއި ވިޔަފާރި ބަނދަރުތަކަކީ ވެސް މުޒާހަރާ ނުކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވެއެވެ. އެ ފަދަ ސަރަހައްދުތަކުގެ ގޮތުގައި ދައުލަތުގެ ހިދުމަތްތައް ލިބިދޭ މަރުކަޒުތަކާއި މަރުކަޒުތަކުގެ ފާރުން 100 ފޫޓު ހަމަވާ ސަރަހައްދާއި ޖަލުތަކާއި ޖަލުތަކުގެ ފާރުން 200 އިންވާ ސަރަހައްދުތައް ވެސް ހިމެނެއެވެ. ރައީސް އޮފީހާއި ރައީސްއާއި ނައިބު ރައީސް ދިރިއުޅުއްވާ ގެކޮޅުގެ ފާރުން 300 ފޫޓު ހަމަވާ ސަރަހައްދުތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން ރިސޯޓްތަކުގައި މުޒާހަރާ ކުރުން މަނާ ކޮށްފައި އޮންނަ އޮތުން ބަދަލުކޮށް ޓޫރިޒަމް މިނިސްޓްރީން ކޮންމެ ރިސޯޓެއްގައި ކަނޑައަޅާފައިވާ ރިސޯޓް މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގައި މުޒާހަރާ ކުރެވޭ ގޮތަށް ހިމަނާފައިވެއެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މި ބިލް ފާސްނުކޮށް އަނބުރާ ފޮނުވާލުމުގެ ސަބަބުން އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައިވާ މާއްދާ އަދިވެސް ދާނީ ތަންފީޒު ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަނާޒާ

    ވައުދު ފުއްދުނުކަމަށްވާނީ ޔާމީނު ގެނައިކަމަށް ކަލޭމެން އޭރު ވަކާލާތުކުރި ނުބައި އިސްލާހް އުނި އިތުރުނުކޮށް އުވާލެވުނިއްޔާ. ކޮބާ ކަލޭމެން ތެޅި އަނގަ. 2 އަހަރުވީ ބިލް އަދިވެސް ފާޚާނަ ކުރަނީ.

    11
  2. ފުރަތަމަ ގައުމު

    ނުކެރޭނެ އެބިލް ފާސް ކުރާކަށް އެހުރި ގޮތަކަށް ބިރު ގަންނާނެކަން ޔަގީން ކޮންމެ ވެސް ބަހަނާ އެއް ދައްކާނީ އެބިލް ފާސް ކުރަން ވީމަ

    11