ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން އެ ޓްރައިބިއުނަލްގައި ހުސްވެފައިވާ ފަސް މަގާމަށް އައްޔަން ކުރައްވާނެ ފަސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން ވަނީ ރައީސް ސޯލިހް ފޮނުއްވާފައިވާ ނުވަ ނަމެއް ދިރާސާކޮށްފައެވެ. އޭގެ ތެރެއިން އެ ޓްރައިބިއުނަލްއަށް އައްޔަން ކުރުމަށް ރުހުން ދޭން ކޮމިޓީއިން ތަޅުމަށް ފޮނުވީ ފަސް ނަމެކެވެ. އެ ފަސް ނަމަށް މިއަދު މަޖިލީހުގެ ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ރުހުން ދޭން ފާސްކުރިއެެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަން ކުރަން ރުހުން ދިން ފަސް ނަން

  1. މުހައްމަދު މުނައްވަރު އަލީ، ވެސްޓް ބީޗް، އއ. މަތިވެރި
  2. ފާތިމަތު މިންހަތު އިއްޒަތު، ގ. ގޮފި
  3. އިސްމާއިލް ސާޖިދު، މއ. ވިލާރޮދި
  4. ހުސައިން ޒައިދާން ޖަލީލް، މ. ފާމުދޭރިގެ
  5. އަހުމަދު އަޝްރަފް، ދަފްތަރު ނަންބަރު ރސ 7883

ޓެކްސް އެޕީލް ޓްރައިބިއުނަލްއިން މަގާމުތައް ހުސްވެގެން މީގެ ކުރިން ވެސް ކުރިމަތިލާން ހުޅުވާލައިގެން ކުރިމަތިލި ފަރާތަށް ރުހުން ދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަލުން އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލިއެވެ.

ފަސް މެމްބަރުންގެ މައްޗަަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރައިބިއުނަލްއަށް މެމްބަރުން އައްޔަނުކުރަނީ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.