އަނިޔާ ލިބޭ އަންހެނުންނަށް އާއިލާގެ ފަރާތުން ރައްކާތެރިކަމާއި އެހީތެރިކަން އަބަދުމެ ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށާއި، އަނިޔާ ލިބޭ އަންހެނުންނާމެދު މުޖުތަމަޢުގައި ހުރި ނުރަނގަޅު ވިސްނުންތައް ބަދަލު ކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑީވްސް، އެޗްއާރްސީއެމް އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން މިހެން ބުނީ، އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އަނިޔާއިން އަންހެނުން ސަލާމަތްކޮށް، ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ވެއްޓެއް ޤާއިމުކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭ ކަަމަށެވެ. އެގޮތުން، އަނިޔާ ލިބޭފަރާތްތަކަށް ރައްކާތެރިކަން
ފޯރުކޮށްދިނުމަށްޓަކައި، ވެށިއަނިޔާ ހުއްޓުމުގެ ޤާނޫނުގެ ދަށުން ޤާއިމްކުރުމަށް ލާޒިމުކުރާ ވަގުތީ މަރުކަޒުތައް 2921 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދައުލަތަށް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ގެވެށިއަނިޔާއާ ގުޅުންހުރި މަސައްކަތްތައް ކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދީ، ގެވެށިއަނިޔާގެ ސަބަބުން ކުރާ އަސަރުތައް ދެނެގަތުމަށް އިތުރު ދިރާސާރާތައް ހެދުމަށް މިކޮމިޝަނުން ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުން ތަންފީޒުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ޤާނޫނީ ލަފަޔާއި އެހީތެރިކަން ހިލޭ ލިބޭނެ މަގުފަހިކޮށްދީ، އެކަންކަމަށް ބޭނުންވާ އިންސާނީ ވަސީލަތާއި ބަޖެޓް ޤާއިމުކުރުމަށް މިކޮމިޝަނުން ހުށަހަޅާފައިވާ ހުށަހެޅުން ތަންފީޒުކުރުމަށްވެސް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން، އަންހެނުންނަށްކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކަކީ އަނިޔާލިބޭ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތްކުރާ ބައެއްކަން ބަލައިގަނެ، އެ ޖަމްޢިއްޔާތަކަށް އެހީތެރިވެ، ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ފަރުވާއާއި، އިޖްތިމާޢީ ރައްކާތެރިކަމާއި، ނަފްސާނީ އެހީތެރިކަން ލިބޭނެ ފަސޭހަ އަދި ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް އެޗްއާރްސީއެމް އިން ގޮވާލާފައި ވެއެވެ،

މީގެ އިތުރުން އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް ފަސޭހައިން އިންސާފު ލިބޭނެ ގޮތަކަށް އިދާރާތަކުގެ އެންމެހާ ކަންކަން ތަރުތީބުކޮށް، ލަސްކުރުމެއްނެތި އަނިޔާކުރާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގޮވާލާފައި ވެއެވެ.

އަދި އަނިޔާ ލިބޭ އަންހެނުންނާމެދު މުޖުތަމަޢުގައި ހުރި ނުރަނގަޅު ވިސްނުންތައް ބަދަލުކޮށް، އަންހެނުންނަށް ކުރާ އަނިޔާއާ ތަފާތުކުރުންތަކާ މެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް ދައުލަތުގެ އިދާރާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި އަދި މީޑިޔާއިން ކުރަމުންގެންދާ މަސައްކަތް މިހާރަށްވުރެ އިތުރުކުރުމަށް އެޗްއާރްސީއެމް އިން އިލްތިމާސްކޮށްފިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެއްކާ

    ރޯޔަލް ރޭޕްކޭސް ނަމުގައި މަޝްހޫރިވި ކަމުގައި އަނިޔާ ލިބުނު ކަމަށް ބުނާ އަންހެންމީހާ ހިމާޔަތްކުރަން އެހެރީ ރަށަށް ފޮނުވާފައި. ދެން ބަޔަކަށް މީހަކަށް ހިމާޔަތްދެވޭނީ މިވަރަށްދޯ. އަނިޔާ ކުރިކަމަށް ބުނާމީހުންވެސް އެތިބީ އެމީހުންގެ އާދައިގެ ދިރިއުޅުމުގައި. ވަޒީރު ވިދާޅުވަނީ އެއީ ވަރަށް ކުޑަކުޑަ ކަމެކޭ. އަނިޔާލިބޭމީހާ އާއި އަނިޔާކުރާމީހާ ހިމާޔަތްކޮށް ތަނެއްގައި ހިއުމަންރައިޓްސް ގާއިމްވެފައި އޮންނާނީ ދެން މިހާވަރަކަށްދޯ. އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބޭވިއްޔާ.
    ބަކަރި އާއި ބެހުނު މީހާވެސް ބުނީ އަހަރެން މައްސަލަނެތީ ބަކަރި މައްސަލަނެތީ ޕޮލިސް ކޮންމައްސަލައެއްހޭ.