ރާއްޖޭގައި ކުޑަ އިންވެސްޓެއް ކޮށްގެން ރެސިޑެންސީ ވިސާ ލިބޭ ގޮތަށް ގެނައި އިމިގްރޭޝަން ގާނޫނަށް އިސްލާހާއި އެކު ދިވެހި ވިޔަފާރިތައް ވުޖޫދުން ފޮހެލާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕިޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ ދެ ލައްކަ ފަންސާސް ހާސް ޑޮލަރަށް ރެސިޑެންސީ ވިސާ ލިބޭ އިސްލާހު ތަސްދީޤުކުރުމަކީ ދިވެހި ވިޔަފާރިތައް ވުޖޫދުން ފޮހެލުމުގެ އިތުރުން، ދިވެހި ރައްޔިތުން އަމިއްލަ ފަސްގަނޑުގައި ބީރައްޓެހި ވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަދި މިއީ ޤައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށާ އެއީ ޤައުމުގެ ސިޔާދަތު ގެއްލުވާލުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ދިވެއްސަކާ ކައިވެނިކޮށް އުޅޭތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބިދޭސީންނާއި ރާއްޖޭގައި މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީންނަށް ދިގު މުއްދަތުގެ ވިސާ ދޫކުރާ އިސްލާހު ހިމެނޭ ގޮތަށް ފާސްކޮށްފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަދު ތަސްދީގުކުރައްވާފައެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ އެ ބިލުގައި ވާގޮތުން ރާއްޖެއިން ބިދޭސީންނަށް މިހާރު ދޫކުރާ ވިސާގެ އިތުރަށް ކޯޕަރޭޓިވް ވިސާގެ ނަމުގައި އާ ވިސާއެއް ތައާރަފް ކުރާނެއެވެ. އެ ވިސާއަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމެންޓްގެ ގޮތުގައި ތިބޭ ބިދޭސީންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް ހުއްދަ ދެވޭ ވިސާއެކެވެ.

މި ގޮތުން ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި 250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީއަކު އެ ވިސާއަށް އެދުމުން ދޫކުރާނީ ފަސް އަހަރުގެ މުއްދަތަށެވެ. އެ ހާލަތު އޮންނަހާ ހިނދަކު ފަސް އަހަރަށް ފަހު ވިސާ އާ ކުރަން ޖެހޭއިރު ވިސާ އާކޮށްދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

އިތުރަށް އެޤާނޫނުގައި ބުނާ ގޮތުން ދިވެއްސަކާ ކައިވެނިކޮށް އުޅޭތާ ހަތް އަހަރު ވެފައިވާ ބިދޭސީންނަށް ފަސް އަހަރުގެ މުއްދަތަކަށް ރެސިޑެންޓް ވިސާ ދޫކުރެވޭނެއެެވެ. އެ ޤާނޫނުގައި ކުރިން ބުނާގޮތުން ދިވެއްސަކަށް ކައިވެނިކޮށް އުޅޭ ކޮންމެ ބިދޭސީއަކު ވެސް އަހަރުން އަހަރަށް ވިސާ އާ ކުރަން ޖެހޭ ގޮތަށެވެ.

ކައިވެންޏަށް މަދު ވެގެން ހަތް އަހަރު ވުމުގެ އިތުރުން ވެސް މި ވިސާ ލިބުމަށް ބިލުގައި ޝަރުތުތަކެއް ކުރިއެވެ. އެއީ ހަތް އަހަރު ރާއްޖޭގައި ދިރިއުޅެފައި ވުމާއި ހޭދަވި ކޮންމެ އަހަރެއްގައި މަދުވެގެން އަށް މަސް ދުވަހު އުޅެފައި ވުމާއި ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާބަސް

    މިގައުމުގަ ޓެކްސްވެސް ނު ދައްކާބޮން ދު ވިޔަފާރި ފުޅާ ކޮށް އެކަމް ރައްޔިތުން ޖޫރިމަނާ ކުރުމުގަ މީރާވެސް. ޜޯމާ ދުވާލު ޑޮލަރުވިޔަފާރީގަ ބޮން ދު. ބަލާނެ ބަޔެއް ނެތް.

  2. އަލްޖިބްރާ

    ކަލޭމެން ވެރިކަމުގައި ތިބެގެން ލާރިގަޑު ކަހާލިއިރު އެއްވެސް ކަމަކަށް ގެއްލުންނުވެ މުޅިންވެސް ވީފައިދާ ދޯ ؟ ކަލޭމެންގެ ލަދުހަޔާތް ކޮބާތަ ؟

    1
    4