ނ. އަތޮޅު ކުދެރިވަރު ރިސޯޓްގެ ހިއްސާތައް ނުގަވައިދުން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު މުނައްވަރު ވިއްކާލި ކަމަށް ތުހުމަތު ކުރާ މައްސަލަތައް މައުޟޫއީ ގޮތުން ސިވިލް ކޯޓަށް ބެލޭނެ ކަމަށް އެ ކޯޓުން އިއްޔެ ނިންމައިފިއެވެ.

މި ރިސޯޓަކީ ސަރުކާރުގެ 10 ޕަސެންޓް ހިއްސާއަކާއި، ޒެން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ 90 ޕަސެންޓް ހިއްސާ ހިމެނޭ ގޮތަށް އެކުލަވާފައިވާ އެއްބަސްވުމެއްގެ ދަށުން ރިޒްވުޑް ހެޓޮލް އިނެންޑް ސުއިޓްސް އިން ތަރައްގީ ކުރަމުން ދިޔަ ރިސޯޓެކެވެ.

ނަމަވެސް ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެސް ނޮވެމްބަރު 2016 ގައި ކުންފުނީގެ ހިއްސާ ވަނީ ޕޮލެންޑްގެ ހަތަރު މީހެއް ކަމުގައިވާ އިރެނެއުސް ސަޖަވިކްއާއި ބޮޒޭނާ މިލެންޒުކްއާއި އެލެކްޒެންޑްރާ ޖަމައިކާ މިލެކްޒުކްއާއި ޕަވެލް ޕޮޑޮލްސްކީއަށް 90 ޕަސެންޓް ހިއްސާ ވިއްކާލައިފައެވެ. އަދި އިކޮނޮމިކް މިނިސްޓްރީގައި އެ ގޮތަށް ރަޖިސްޓްރީވެސް ކުރިއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެކަމަކު އެ ފަހަރު ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ. ފަހުން އަލުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލައަކީ އަސާސެއް ނެތް މައްސަލައެއް ގޮތުގައި ކަނޑައަޅައި ބޭރުކޮށްލަން އެދި މައްސަލަ ރައްދުވާ ފަރާތުން އެ ކޯޓަށް ހުށަހެޅިއެވެ.

ސިވިލް ކޯޓުން އެ މައްސަލައިގައި އިއްޔެ އެ ކޯޓުން ނިންމި އިޖުރާއީ ނިންމުމުގެ ބަޔާނުގައިވާ ގޮތުން މި މުއާމަލާތްތަކާ ގުޅޭ ގޮތުން ޝަރީއަތަށް ގޮތެއް ކަނޑައެޅޭނީ މައުޟޫއީ ގޮތުން ކޯޓުން މައްސަލަ ބަލައިގެން ކަމަށް ވާތީ، ދައުވާ ލިބޭ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަކީ އެ މައްސަލައަށް ޝަރީއަތުން ގޮތެއް ކަނޑައެޅުމަށް ހުރަސް އެޅޭ ނުކުތާއެއް ނޫނެވެ. އެހެންވެ އެ މައްސަލަ މައުޟޫއީ ގޮތުން ސިވިލް ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައި ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    އެކޮނޮމިކް މިނިސްޓަރަކަށް ހުރެ ކޮށްފައިވާ ވައްކަން ތަކުގެ ވާހަކަ ނުދައްކާ ! ޔާމީނުގެ ވެރިކަމުގައި އޭނާއަކީ ސާފު ހުދުފޮތިކޮޅަކަށް ހަދާފަ ހުރި މީހެއް ! މިހާރުވެސް ޔާމީނު ވެރިކަމަށް ގެންނަން އޭނަ އެގޮވަނީ އެހެންވެގެން !

    5
    12