ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީން ކުރުމަށް ޓްރެއިނަރުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ގާއިމް ކުރެވޭ ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް ޓްރެއިނަރުން ބޭނުންވާ ކަމަށައި އަދި މި ތަންރީނުތަކުގައި ބައިވެރިވުމަށް 70 މީހުން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ޓްރެއިނަރުންނަށް ހިންގޭ ތަމްރީން ޕްރޮގްރާމު ކުރިއަށްދާނީ މިއަހަރުގެ އޮގަސްޓް މަހުގެ 11 އިން 17 އަށް މާލޭގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި މި ޕޮރޮގްރާމަށް ކުރަންޖެހޭ އެންމެހައި ހަރަދު ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރައްވާ ޓްރެއިނަރުންނަށް، ޓްރޭނިންގ ކުރިއަށްދާ ކޮންމެ ދުވަހަކަށް 200ރ. ގެ އެލަވަންސެއް ދެވޭނެ ކަމަށް އެކޮމިޝަނުން ބުނެ އެވެ.

ތަމްރީން ފުރިހަމަ ކުރައްވާ ފަރާތްތަކަށް ޓްރެއިނަރުންގެ ގޮތުގައި އޮފިޝަލުން ތަމްރީން ކުރުމަށް މާލެއާއި އަތޮޅުތަކުގައި ހަރާކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މި ޕްރޮގުރާމު ފުރިހަމަކުރައްވާ ފަރާތްތައް މިކޮމިޝަނާއެކު އިގްރާރު ކުރެވި، މާލެއާއި އަތޮޅުތަކުގައި އަދި ސިޓީތަކުގައި އޮގަސްޓް 25 އިން ފެށިގެން ސެޕްޓެމްބަރ އެކެއް އަށް އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް އެކޮމިޝަނުން ބުނެ އެވެ.

މިގޮތުން ޓްރެއިނަރުންނާއި އޮފިޝަލުންގެ ޓްރޭނިންގ ކުރިއަށް ގެންދާ ކޮންމެ ދުވަހަކަށް 700ރ. ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއް އެދޭ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އިންތިހާބާއި ދިމާކޮށް މީހުން އަހުލުވެރިކުރުވުމަށާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަށް ކުރިއަށް ގެންދިޔުމުގެ މަސައްކަތް އިލެކްޝަން އިން މިހާރުވެސް ކުރަމުންނެވެ.