ފަތުރުވެރިކަމުގެ ޤާނޫނަށް ހުށަހެޅި އިސްލާހާއި ގުޅިގެން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އާއި ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ހާޒިރު ކުރަން މަސައްކަތް ކުރި ނަމަވެސް، ވަގުތު ތަންނުދޭތީ އެކަން ނުކުރެވޭކަމަށް މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމަށް މިއަދު ކުރިއަށް ގެންދާ މުޅި މަޖިލީހުގެ ކޮމިޓީގެ ރިޔާސަތުގައި އިންނަވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެ ބިލާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އަމީރު ހާޒިރުކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަން ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް އެކަން ކުރައްވާނެ ވަކި ވަގުތެއް އެމަނިކުފާނު ފާހަގައެއް ނުކުރައްވައެވެ. ރައީސް ނަޝީދު ވަނީ އެ ބިލާއި ގުޅުން ހުރި ކަންކަން އޮޅުން ފިލުވުމަށް ކަމާއި ބެހޭ ވުޒާރާތަކާއި، އިދާރާތައް އަދި ތަޖުރިބާކާރުން ހާޒިރުކުރުމުގެ ވިސްނުން މެމްބަރުންގެ ހުރިކަން ފާހަގަކުރައްވާފައެވެ.

ފަހުން އެމަނިކުފާނު ވަނީ އަސްލަމް އާއި އަމީރުއަށް ކޮމިޓީގައި ބައިވެރި ނުވެވޭނެކަން ހާމަކުރައްވާފައެވެ.

"ދެ ވަޒީރުން ފިނޭންސް މިނިސްޓަރވެސް ހައުސިން ކޮންސްޓްރަކްޝަން ޕްލޭނިން މިނިސްޓަރ ވެސް ދެ މިނިސްޓަރުންވެސް މިއަދު ވަޑައިގެންނެވެން ނެތް ކަމަށް ވިދާޅުވީ އެޕޮއިންޓްމެންޓް ހުރީމަ. އެއީ ވަރަށް ޝޯޓް ނޯޓިސް އެއް މިދިނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. އެހެންނަމަވެސް އެ އިސްލާހަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ސަރުކާރުގެ ފަރާތުން އިސްލަހު ހުށަހެޅުއްވި ނަމަވެސް ރައްޔިތުންގެ ހާދިމެއްގެ ހައިސިއްޔަތުން އެ އިސްލާހާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި މިހާރު ވެސް ސަރުކާރުގެ ދެ ކުންފުނި އޮތް އިރު އަނެއްކާ ވެސް ކުންފުންޏެއް އުފައްދާ ގޮތަށް ބިލުގައި ހިމަނާފައިވާ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އާޒިމް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް އަށް ކޮރަޕްޝަން އާއި އެހެން މިނިސްޓްރީތަކުގެ މެނޑޭޓަށް އަތްބާނާ ކަމުގެ ތުހުމަތުކޮށް އެމްޑީޕީގެ ތެރެއިން ފައްޔާޒްގެ މައްސަލަތައް ބެލުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. މީގެ ކުރިން ފައްޔާޒް ވަނީ އެމަނިކުފާނަށް އަމާޒުވާ ފާޑުކިޔުންތަކަކީ ސިޔާސަތުތަކަށް ގެންނަވާ އިސްލާހުތަކާއި ގުޅިގެން އަމާޒުކުރާ ފާޑުކިޔުންތަކެއް ކަމަށް ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން އާޒިމް، ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގައި އެކި ޒޯންތަކުން ބިން ދޫކުރުމުގައި ތަފާތު އަގުތަކެއް ކަނޑައަޅާފައިވަނީ ކޮން އުސޫލަކުންކަން ސާފު ނުވާކަމަށް ބައެއް މެމްމަބަރުންނާއި އިދިކޮޅު ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގައި 20 އިސްލާހެއް ހިމެނޭ އިރު ބިލުގެ މަގްސަދެއް ކަމަށް ބުނެފައި ވަނީ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމެވެ.

އެގޮތުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު މި ބިލުން ފަހިކޯށްދީފައިވެއެވެ.

އަދި ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުލީގެ މިންވަރަށް ބަދަލު ގެނައުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.