ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެން.ސީ.އޭ) އިން މިދިޔަ މަހު 15 ގައި ފެއްޓި ސެޓްފިކެޓް 1 ގެ އާރޓް އެންޑް ޑިޒައިނިންގ ކޯސް ނިންމައި 24 ކުރެހުންތެރިން ކުރެހުމުގެ ދާއިރާއަށް ނެރެފިއެވެ.

އެން.ސީ.އޭ ހިންގެވުމާ ހާވާލުވެ ހުންނެވި ފާރިސް ތޯހާ ވިދާޅުވިގޮތުގައި މި ކޯހުގެ ބައިވެރިން ވެގެންދާނީ މުސްތަގުބަލުގައި އާރޓްގެ ދާއިރާއަށް ޚިދުމަތްތެރި ބައެއްގެގޮތުގައެވެ. އަދި މިދާއިރާއިން މި ކޯހުގެ ބައިވެރިންނަށް އިތުރަށް ބޭނުންވާ ތަމްރީނުތަކާއި ކުރިއެރުންތައް ހޯދައިދީ މި ބައިވެރިން އިޤްތިސާދީގޮތުން ބާރުވެރިކުރުވުމަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ކޯހުގެ ބައިވެރިންނަށް ކިޔަވައިދެއްވި އެން.ސީ.އޭގެ ކޯޑިނޭޓަރ އަދި ކުރެހުމުގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވަފައިވާ ޢަލީ އާމިރު ވިދާޅުވީ އެމް.ކިއު.އޭ އިން އެކްރިޑޭޓް ކޮށްގެން ކުރިޔަށްގެންދިޔަ މި ކޯހުގެ ހުރިހާ ބައިވެރިންވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ކަމަށެވެ.

"މި ކުދިންނާއި އެކު ހޭދަކުރެވުނު ދުވަސްތަކުން އެނގެނީ މިއީ ވަރަށް ޓެލެންޓް ހުރި ކުދިންތަކެއްކަން. އެއްވެސް ކުއްޖަކު އަނެއްކުއްޖަކަށް ދުލެއް ނުކުރޭ. ހުރިހާ ކުދިންވެސް ބުނަމުންދިޔައީ އާރޓިސްޓަކަށް ވާން ބޭނުންވާ ކަމަށް. އިރާދުކުރެއްވިއްޔާ މިއޮތީ އޭގެ ބިންގާ އެޅިފަ. ކޯހުގައި ކިޔަވައިދިނުމުގައި ކުދިންގެ ޓެކްނިކަލް ސްކިލްސް އުފެއްދުމުގެ އިތުރުން އުފެއްދުންތެރި ސިކުނޑިތަކެއް ބިނާކުރުމަށް ވަރަށްބޮޑަށް ބާރު އެޅިގެންދިޔަ. މިދަސްވުމުގެ ސަބަބުން ހަލަބޮލި މާހައުލެއްގެ ތެރެއިން ބޭރުވެ ނުވަތަ ދުވަހުން ދުވަހަށް ކުރާ ބުރަ މަސައްކަތްތަކުގެ އިތުރުން ތިމާގެ ވަރުބަލިކަމާއި ފޫހިވުމަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭނެ. އަދި ހަމަ އެއާއިއެކު އިތުރު އާމްދަނީ ހޯދުމުގެގޮތުންވެސް މި ފަންނުގެ ބޭނުން ހިފޭނެ." އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ކްރިއޭޓިވް ފީލްޑުން ކުރިޔަށްދާން ބޭނުންވާ ކުދިންނަށް މިކޯސް ވެގެންދާނީ ވަރަށް ފައިދާހުރި ފައުންޑޭޝަން ޕްރޮގްރާމަކަށް ކަމަވެ. ތަފާތު 7 މޮޑިއުލް އެއްގެ މައްޗަށް އެކުލަވާލައިގެން ކުރިއަށް ގެންދިޔަ މި ކޯހުގައި ޕްރެކްޓިކަލްގެ އިތުރުން އެކެޑެމިކް ބައިތައްވެސް ހިމެނިގެންދިޔަކަން އާމިރު ފާހަގަކުރެއްވިއެވެ.

އާމިރު އިތުރަށް ވިދާޅުވީ މިފަދަ ބޮޑު ބުރަ މަސައްކަތެއް ކުރެވިގެންދިޔައީ ރައީސް ޔާމިންގެ ސީދާ އިސްނެންގެވުމުގެ މަތިން ވަރަށް ޚާއްސަ ކަމެއް މި ކޯހަށް ދެވިގެން އެން.ސީ.އޭ އާއި ޔޫތު މިނިސްޓްރީގެ ރޭވުންތެރިކަމާއިއެކު ކަމަށެވެ.

މިއީ އެއްވެސް ފީއެއް ނެގުމަކާއިނުލައި ކޯސް މެޓީރިއަލްސްވެސް މުޅިން ހިލޭ ބައިވެރިންނަށް ފޯރުކޮށްދީގެން ކުރިޔަށް ގެންދެވުނު ކޯހެއްކަން ފާހަގަކޮށްލެވެއެވެ.