މާލެ އަތޮޅު އެނބޫދޫ ފިނޮޅު ކައިރިއަށް މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ބުޅި ހެރިފައި ވަނީ ،ކ. އެނބޫދޫ ފިނޮޅުގެ ހުޅަނގު ދެކުނު 6،5 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ވިލާ ވާލި ނަމަކަށް ކިޔާ އެ ދޯނީގައި ހުރި 22 އަހަރުގެ ޒުވާނެއްގެ ލޮލަށެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިހާރު ވަނީ އެ ޒުވާނާ ހުޅުމާލެ އަށް ގެންގޮސްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހާގެ ލޮލަށް ބުޅިއެއް ހެރިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު 15:02 ހާއިރު ކަމަށެވެ.

މީގެ ދެ ދުވަސް ކުރިންވެސް މަހަށް ނުކުމެ އުޅުނު ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް އިން އެހީތެރިވެފައި ވެއެވެ.

މަހަށް ނުކުމެ އުޅުމުގެ ތެރޭގައި ލޮލަށް ބުޅި ހެރުމަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމެކެވެ.