ނިރުބަވެރިކަމާއި (ޓެރަރިޒަމާ) ދެކޮޅަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާއެއް ރާއްޖޭގައި ޤާއިމްކުރުމާ ބެހޭ ގޮތުން މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން އަބްދުލްކަރީމް އަލް އީސާ އާ މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ މިއަދު ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި މުސްލިމް ވޯލްޑް ލީގާއި ދެމެދު ފާއިތުވި އަހަރުތަކުގައި އޮތް ގާތް ބަދަހި ގުޅުމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅު ދެއްކެވި ކަމަށެވެ.

އަދި މާލޭގައި ކުރިއަށްދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލާއި ޙިއްސާކުރައްވައި، ދެ ޙަރަމްގެ ޚާދިމް، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދީލަތި އެހީފުޅާއެކު ކުރިއަށްދާ މި މަސައްކަތް ނިމުމުން އެ މިސްކިތް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތްކަމަށާއި، އަދި އެމިސްކިތް ވެގެންދާނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކަށް ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މުސްލިމް ވޯލްޑް ލީގްގެ އޮފީހެއް ހުޅުވުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިސްލާމް ދީނުގެ ދައުވަތު ފުޅާކޮށް، ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ (ޞޢވ)ގެ ސުންނަތުން އައިސްފައިވާ އިސްލާމްދީނުގެ ހަމަތައް އުނގަންނައިދިނުމަށް މުސްލިމް ވޯލްޑް ލީގުން ކުރަމުންދާ މަސައްކަތުގައި ސެކްރެޓަރީ ޖެނެރަލް ކުރައްވާ މިންނެތް ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލު ބައިވެރިވެވަޑައިގަތެވެ.