ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ ޑޭކެއަރ ސެންޓަރުތައް ‏ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން ހިންގުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ޑޭކެއަރ ސެންޓަރުތަކަކީ މައިންބަފައިން ވަޒީފާއަށް ދަމުން ކުދިން ބެލުމަށް ހަވާލުކުރުމަށް ހާއްސަ ސެންޓަރުތަކެކެވެ. މިތަންތަން ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ބަންދުކުރުމަށް ފަހު އަލުން ހުޅުވުމަށް ހުއްދަ، ދީފައި ނުވާ ކަމަށް ބުނެ މީސް މީޑިއާގައި ގިނަބަޔަކު ނުރުހުން ފާޅު ކުރަމުން ގޮސްފައި ވެއެވެ.

އެހެން ނަމަވެސް މި ހުއްދަ އެޗްޕީއޭގެ ފަރާތުން ދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މި ވަނީ ވިދާޅުވެފައެވެ.

"މި ހުއްދަ މިގޮތަށް ލިބުނު ކަމުގައިވިޔަސް މި ޚިދުމަތްދޭ ތަންތަން އެޗް.ޕީ.އޭ އާއި މި މިނިސްޓްރީ ގުޅިގެން އިންސްޕެކްްޓްކޮށް ބެލެހެއްޓޭނެ ކަމުގައި ދަންނަވަމެވެ". ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓެއްގައި ވެއެވެ.

ޑޭކެއަރ ސެންޓަރުތައް ހުޅުވައިގެން ކުރިއަށްގެންދިއުމުގައި ވަކި ކަންތައްތަކަކަށް ބަލަން ޖެހޭއިރު، އެ ހިދުމަތް ފެށުމުގައި އަމަލު ކުރާނެ ގޮތްތައް (އެސްއޯޕީ) އެކުލަވާލާފައި ވެއެެވެ.

މި އެސްއޯޕީގައި ވަނީ ޑޭ ކެއަރގެ ހިދުމަތްތައް ދިނުމުގައި އަމަލު ކުރަންވީ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި، މުވައްޒަފުންނާއި ބެލެނިވެރިން ވެސް އަމަލު ކުރަންވީ ގޮތް ބަޔާން ކޮށްފައެވެ.

އެގޮތުން، ޑޭ ކެއަރގެ ހިދުމަތްތައް ފަށާއިރު، ކޮންމެ ޝިފްޓެއްގެ ކުރިން ތަން ޑިސްއިންފެކްޓް ކުރަން ޖެހޭއިރު ވަންނަ ދޮރު ކައިރީ އަތް ސެނިޓައިޒް ކުރެވޭނެ އިންތިޒާމްކޮށްފައި ހުންނަން ވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މޭޒާއި ގޮނޑީގެ އިތުރުން ހިފާ ގެންގުޅޭ ތަކެތި ފަދަ ގިނައިން އަތްލާ ތަންތަން ކޮންމެ ދެ ގަޑިއަކުން ސާފު ކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އަދި ކުދިން ކުޅޭ ސާމާނު ކޮންމެ ގްރޫޕެއް ނިމުމުން ވަކިން ސައިބޯނިލާ ސާފު ކުރަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮންމެ ގްރޫޕެއްގައި ތިން ކުދިން ނުވަތަ ހަތަރު ކުދިންނަށް ވުރެ ގިނަ ކުދިން ތިބެގެން ނުވާނެ ކަމަށް ކަނޑައަޅާފައި ވާއިރު، ކުދިން ބަލަހައްޓާ މީހުންގެ ޑިއުޓީ ބަހާފައި ހުންނަން ވާނީ އެކަކު އަނެކަކާ ދިމާ ނުވާ ގޮތަށް ކަމަށް ބަޔާންކޯށްފައި ވެއެވެ.

ކޮވިޑް-19ގެ އަލާމާތެއް ފެންނަ ނަމަ އެއިން މީހަކު ޑިއުޓީއަށް ނިކުތުން މަނާ ވާނެ ކަމަށްވެސް އެސްއޯޕީގައި ވެއެވެ.

މީގެ އިތުރުން ކުދިން ބަލަހައްޓާ މުވައްޒަފުން، ކުދިން ބަލަހައްޓާ ގަޑިތަކުގައި ތިބެން ވާނީ ސާޖިކަލް މާސްކު އަޅައިގެން ކަމަށާއި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުން ފޮތި މާސްކު އެޅުމަކުން މައްސަލައެއް ނެތް ކަމަށް ވެސް އެސްއޯޕީގައި ވަނީ ބުނެފައެވެ.

ހަމައެއާއި އެކު ސިއްހީ ސަލާމަތަށްޓަކައި ކުދިން ބަލަހައްޓާ ތަނަކަށް ބެލެނިވެރިން ވަދެ ނިކުމެ ހެދުމަކީ މަނާ ކަމެއް ކަމަށް ކަމަށާއި ކުއްޖަކު އުޅޭ ގެއެއްގެ މީހަކު ކަރަންޓީނުގައި ނުވަތަ އައިސޮލޭޝަނުގައި ހުރި ނަމަ، އެ ކުއްޖަކު ޑޭ ކެއާ އަށް ނުގެން ދިއުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށް މި އެސްއޯޕީގައި ވަނީ ބުނެފައެވެ.