އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަން ސާބިތުވެ، އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކުރި ހުކުމުގެ ދެބޭފުޅުންގެ ފަރާތުން އިސްތިއުނާފު ކުރުމުން އިސްތިއުނާފު ޝަރީޢަތް ބުރާސްފަތި ދުވަހު ފަށާފައިވާއިރު، ދެވަނަ އަޑު އެހުން މާދަމާ އަށް ތާވަލުކޮށްފިއެވެ.

ދެބޭފުޅުންގެ އިސްތިއުނާފު ޝަރީޢަތްތައް ވަކި ވަކިން ކުރިއަށް ގެންދާއިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިސްތިއުނާފުގެ އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައިވަނީ، މާދަމާ މެންދުރުފަހު 13:00 އަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިސްތިއުނާފުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 14:00 ގައެވެ.

ފުރަތަމަ އިސްތިއުނާފުގެ އަޑު އެހުމުގައި ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވެފައިވަނީ އެ ބޭފުޅުންނާ ދެކޮޅަށް ސިއްރުން ހެކިބަސް ދީފައިވާ ދެ ގާޒީންނަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ގާޒީންތަކެއް ކަމަށާއި، މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އެކަށީގެންވާ ހެކި ނެތިކަމަށެވެ.

ދެ ފަނޑިޔާރުންގެ ފަރާތުންވެސް 15 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ވަކި ވަކިން ކުރިއަށް ގެންދިޔަ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގެ ވަގުތު ހަމަވިއިރު، ހުރިހާ ނުކުތާއަކަށް ތަފްސީލުކޮށް ވާހަކަ ދެއްކުމަށް ފުރުޞަތު ދެވިފައެއް ނުވެއެވެ. އެހެންކަމުން އާދީއްތަ ދުވަހުގެ އަޑު އެހުމުގައި ތަފްސީލު ނުކުރެވޭ ނުކުތާ ތަކަށް ތަފްސީލުކޮށް ވާހަކަ ދެއްކުމަށް ވަކީލުންނަށް ފުރުޞަތު ލިބިގެންދާނެއެވެ.

ދެ ފަނޑިޔާރުންގެ ހުށަހެޅުންތަކަށް ދައުލަތުން ވީ އެންމެ އަވަހަކަށް ޖަވާބު ހުށަހެޅުމަށްވެސް ޝަރީއަތުން ދައުލަތަށް އެންގެވި، އިސްތިއުނާފު މައްސަލައިގެ ހައިކޯޓުގެ ބެންޗުގެ ރިޔާސަތު އިސް ފަނޑިޔާރު އަބްދުﷲ ދީދީ ބަލަހައްޓަވަމުންދާއިރު، ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނެނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.

މި މައްސަލައިގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ދެ ފަނޑިޔާރުންނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ފަނޑިޔާރުންގެ މަޤާމު އޮޓޮމެޓިކުން ގެއްލޭނެއެވެ.

މީގެ އިތުރުން ސްޕްރީމް ކޯޓުގެ ޖެމްސް ހުއްޓުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ހަތަރު މަހާއި ސައްވީސް ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވާފައިވެއެވެ. އެ މައްސަލަވެސް އިސްތިއުނާފަށް ހުށަހަޅާފައިވީ ނަމަވެސް އަޑުއެހުންތައް އަދި ނުފަށައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މައމޫނު

    މިކަމުގެ ސިއްރު އެނގިލައްވާތޯ؟ މާތްﷲ ގަންދީ ޙުވާކޮށްފައި މިބުނަނީ ތިޔައީ ލިޔެވިފައި އޮތް ޙުކުމެކޭ ، އަދި ތި ދެމީހުން ކުށްސާބިތުވެ ޖަލު ޙިކުމް އަންނާނެ ، އަދި މަޤާމު ގެއްލުމުން ދެން އެތަނަށް ޢާޒިމާ ދާން އެހުރީ ތެޔޮލާ ރެޑީވެގެން. މިޔާއި ޚިލާފަށް މިކަން ވެއްޖެއްޔާ މަ ދުވަހަކުވެސް ލޮނުލީ އެއްޗެއް ނުކާނަން. ރާއްޖޭގެ ޙުކުމްހުންނަނީ ވެރިކަމުގެ ހުންނަ މީހާއާއި ގުޅިފައި، އޭނާ ހިތްހަމަޖެހޭގޮތަށް ނާންނަ ޙުކުމް ބާތިލްވާނެ ، މިއީ ހިސްޓްރީ