ﷲ ގެ ހަޟްރަތު ގައި އެންމެ ބޮޑުވެގެންވާ ރިބާ އަކީ، މުސްލިމެއްގެ އަބުރަށް އަރައިގަތުން ހުއްދަ ކުރުން ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ވަނީ މުސްލިމާގެ އަބުރާއި، އޭނާގެ އިއްފަތްތެރިކަމާއި އަދި އޭނާގެ ލެޔާއި، މުދަލަކީ ޙުރްމަތްތެރި ކުރައްވާފައިވާ ތަކެތި ކަމަށެވެ.

މިއަދުގެ ހުތުބާގައި ވަނީ ގެވެށި އަނިޔާގެ ގެއްލުމާއި މެދު ވަރަށް ތަފްސީލްކޮށް ވާހަކަދައްކާފައެވެ.

"ގެވެށި އަނިޔާގެ ސަބަބުން އިޖްތިމާއީ ފޭރާން ވީދި ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ. އަނިޔާގެ ސަބަބުން މުޖްތަމައުގެ އަފްރާދުންގެ މެދުގައި އަރާރުންތައް އުފެދި، އާއިލާތައް ރޫޅިގެން ދެއެވެ. ތިމާ ދިރިއުޅޭ ވެށީގައި އަނިޔާ އިތުރުވެ، އޭގެ ދާއިރާ ފާޅުވެގެން ދިއުމުން، ޅަދަރީންގެ ހައްގުތައް ގެއްލި، އެ ކުދީންގެ ހަޔާތް ބަރުބާދުވެގެން ދެއެވެ." ހުތުބާގައިވެއެވެ.

އިސްލާމް ދީން ސިފަ ކުރާ ގޮތުގައި ކުޑަކުއްޖާގެ ތުއްތު ދުވަސް ވަރަކީ ބާއްޖަވެރިކަމާއި، ރީތިކަމާއި، އުފާވެރި ހުވަފެންތަކާއި، ލޯތްބާއި، ޚިޔާލުގެ ދުނިޔެއެއް ކަމަށާއި ދަރިންނަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ހިތްހަމަޖެހުމެއްކަން ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަގުމަތީގައި އާއި ބާޒާރުމަތީގައި އާއި އޮފީސް އޮފީހުގައި މީސްމީހުންނަށް ގޯނާ ކުރުމަކީ މިއަދު މުޅި މުޖްތަމައުގައި ފެތުރިފައިވާ ވަބާއެއް ކަމަށާއި ޒަމާނީ ފިގްހީ މައްސަލަތައް ދިރާސާ ކުރައްވާ އިލްމުވެރިން ވިދާޅުވާ ގޮތުގައި، އެއީ ބިމުގައި ފަސާދަކުރުން ފަދަ ކަމެއް ކަމަށް ހުތުބާގައިވެއެވެ.

ހަމައެހެންމެ މަގުމަތީގައި ނުވަތަ އޮފީހުގައި މީހަކު ބޭނުންވާ ނުބައި މަގްސަދެއް ހާސިލް ކުރުމަށްޓަކައި މުވައްޒަފަކަށް ބިރުދެއްކުމަކީ ނިރުބަވެރި އަމަލެއް ކަމާއި އެއީ މާތް ﷲ މަނާ ކުރައްވާފައިވާ ކަމަށް ހުތުބާގައިވެއެވެ.

އެހެންކަމުން އެއީ މުސްލިމުންގެ ކިބާގައި ހުރެގެން ވާނެ ސިފައެއް ނޫންކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މުއުމިނުން ކުރެ އެންމެ ފުރިހަމަ މީހަކީ ހުލްގު ހެޔޮ މީހާ ކަމަށާއި އެންމެ ހެޔޮ މީހާއަކީ އަނބިމީހާއަށް އެންމެ ހެޔޮ މީހާކަމަށެވެ.

"ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، ކަލާނގެ ވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ." ދެމަފިރިން އެކަކު އަނެކަކަށް ގޯނާކޮށްގެން މި ހިތްހަމަޖެހުން ލިބޭނެ ހެއްޔެއެވެ؟ އެކަކު އަނެކަކަށް އަޅައި ނުލައި މި
އޯގާތެރިކަން ލިބޭނެ ހެއްޔެއެވެ؟ "ހުތުބާގައިވެއެވެ.

އެފަދަ އަނިޔާގެ ތެރޭގައި ފިރިން އަނބިންނަށް، އަދި އަނބިން ފިރިންނަށް ކުރާ އަނިޔާ އާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާ އާއި، ދަރިން މައިންބަފައިންނަށް ކުރާ އާއިލާގެ މެންބަރުން އެކަކު އަނެކަކަށް ކުރާ އަނިޔާތަކާއި، އިންސާފުން ބޭރު ތަފާތު ކުރުން ފަދަ އަމަލުތައް ހިމެނޭ ކަމަށް ވެސް ހުތުބާގައިވެއެވެ.

"އާއިލީ ގުޅުންތައް ހަރުދަނާ ކުރެވޭނީ އެ ބައެއްގެ ތެރޭގައި އޯގާވެރިކަމާއި ކުލުނު އޮވެގެންނެވެ. ރުޅިވެރިކަމާއި އަނިޔާވެރިކަން ނައްތާލެވިގެންނެވެ. މިއަދު އެކަމާ މެދު ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ގަދަ އަޑުން ވާހަކަ ދެކެވޭ، އަދި އެކަމަކާ މެދު ކަންބޮޑުވެ، އެކަން ހުއްޓުވުމަށްޓަކައި އަޑު އުފުލެމުންދާ ގެވެށި އަނިޔާއެވެ." ހުތުބާގައިވެއެވެ.

މީގެ އިތުރުން އަންހެނުންނަށާއި، ކުޑަކުދިންނަށް ދެވޭ އަނިޔާ އާއި، ކުރެވޭ ޖިންސީ ގޯނާތައް އިތުރުވަމުންދާ މިންވަރާ މެދު އަޅުގަނޑުމެން މުސްލިމުން އަނިޔާ ފަދަ ކަންކަމުންނާއި، ބައެއް މީހުންނާއި މެދު ހިނގާ ކަންކަމުން ނަފްސާނީ ބިރުވެރިކަން ފެތުރޭ ކަމަށް ވެސް ހުތުބާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުގާ

    އާޗާ އެހެންތަ؟! ރިބާގެ މާނައަކީ ކަލޭމެން ސިޔާސީ ޕާޓީ ބަދަލުކުރާހެން ބަދަލުކުރެވޭނެ އެއްޗެއް ނޫން. މޮޔަ ނުގޮވާ!

  2. މުއްލާ

    ތިޔަކަން މިގައުމުގައި ކުރި މާ މުއްލާ މަޖިލީހުގައި އެ އިނީ. މާ މުއްލާގެ ވާހަކަ ދޯ ތިދައްކަނީ.

  3. އަހްމަދު

    އެޚުތުބާގައި އެއްތަންކޮޅު މަދުވޭ. އެއީ ފުލުހުން އާންމުންނަށް ކުރާ އަނިޔާ.