އއ.ބޮޑުފޮޅުދޫގެ އާރުބީޖީ ސްޕޯރޓްސް ކުލަބުން ރާއްޖޭގެ އެކި އަތޮޅުތަކުގައި އެ ކުލަބުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އެ ކުލަބުގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ އިތުރުން ފިރިހެން ވޮލީޓީމް ވަނީ ރ.އަތޮޅަށް ދަތުރުކޮށް އެ އަތޮޅުގެ ރ.ދުވާފަރާއި، ރ.އުނގޫފާރުގެ އިތުރުން ރ.ކިނޮޅަހުގެ ޓީމްތަކާއި އެކްލަބުން ވަނީ ބައްދަލުކޮށްފައެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން އާރްބީޖީގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މިއީ އެކުލަބުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ކުލަބުޖަމިއްޔާތަކާއި ބައްދަލުކުރުމުގެ ސިލްސިލާ ހަރަކާތްތަކުގެ ތެރެެއިން އަތޮޅުން ބޭރަށް ކުރި ފުރަތަމަ ދަތުރެވެ. އަދި މިދަތުރުގައި ގިނަ ހަރަކާތްތަކެއް ބާއްވާފައިވާ ކަމަށާއި މިއީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށްވެސް ނަސީމް ވަނީ މައުލޫމާތު ދީފައެވެ.

މިގޮތުން މިމަހުގެ 21 ވަނަ ދުވަހު އެކުލަބުން ވަނީ ރ. ދުވާފަރަށް ގޮސް އެރަށުގެ ބައެއް ކުލަބްތަކާއި ބައްދަލުކޮށް އެރަށުގެ ޓީމަކާއެކު އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ކުޅެފައެވެ. މި މެޗް އާރުބީޖީ ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މީގެއިތުރުން އޭގެ އަނެއް ދުވަހު ރ.އުނގޫފާރަށް ދަތުރުކޮށް އެރަށުގައި 58 އަހަރުވަންދެން ރަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ސައިފް ޖަމިއްޔާއާއި ބައްދަލުކޮށް އެ ޖަމިއްޔާއިން އެރަށުގައި ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ހޯދާފައިވާކަމަށް ނަސީމް ވަނީ ބުނެފައެވެ. އެގޮތުން ސައިފް ޖަމިއްޔާއިން ރަށުގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކޮށްފައިވާކަމާއި ރަށުގައި ޕްރީސްކޫލް ގެ ހިދުމަތްވެސް އެޖަމިއްޔާއިން ފޯރުކޮށްދެމެން އަންނަކަން އިނގިފައިވާކަމަށް އޭނާވަނީ ބުނެފައެވެ.

މީގެއިތުރުން އެކްލަބުން ވަނީ ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓާވެސް މިދަތުރުގައި ބައްދަލުކޮށްފައެވެ. އުނގޫފާރު ހޮސްޕިޓަލްގެ މީޓިން ހޯލްގައި ބޭއްވުނު މިބައްދަލުވުމުގައި މިކުލަބުން ވަނީ އއ.ބޮޑުފޮޅުދޫ ގައި އުނގޫފާރު ހޮސްޕިޓަލް އާއި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އިތުރުން އއ.ބޮޑުފޮޅުދޫ ސިއްހީމަރުކަޒް ގުޅިގެން 2021 ވަނަ އަހަރު ހެލްތު ކޭމްޕެއް ހިންގުމަށް ހޮސްޕިޓަލްގެ ޓީމެއް ބޮޑުފޮޅުދޫއަށް ޒިޔާރަތް ކޮށްދިނުމަށް އެދިފައެވެ.

އާރުބީޖީގެ މިދަތުރުގައި ކުލަބެއް ހިންގުމަށް ބޭނުންވާ ގިނަ މައުލޫމާތުތަކެށް ލިބިގެންގޮސްފައިވާކަމަށް ކުލަބުގެ ރައީސް ފާހަގަކޮށްފައިވެއެވެ. އަދި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ މިދަތުރުގައި އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އާއި އއ.އަތޮޅުގައި ސްޕީޑްލޯންޗް ފެރީތަދުރުކުރާފަރާތެއްކަމަށްވާ އއ.އުކުޅަސް ކޮރަލްސްޕީޑް ގެ ވެރިޔާ ނިހާދު މުހައްމަދުގެ އިތުރުން އުނގޫފާރު ކައުންސިލްގެ ރައީސް އާއި އުނގޫފާރު ސައިފް ޖަމިއްޔާގެ ރައީސް އާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރުގެ އިތުރުން އުނގޫފާރު ޑޮޓްކޮމްގެ ވެރިންނަށް ކުލަބުގެ ނަމުގައި ވަރަށް ހާއްސަޝުކުރެއް ނަސީމްވަނީ އަދާކުޮށްފައެވެ.

މިދަތުރަކީ އއ.ބޮޑުފޮޅުދޫ އަށް އެތަށް ގޮތަކުން ފައިދާކުރާނެ ދަތުރަކަށް ވެގެންދިޔަ ކަމަށާއި 2021 ވަނަ އަހަރު މިދަތުރުގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ރބޮޑުފޮޅަދޫގައި އިޖްތިމާއީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އާރްބީޖީ ކްލަބުގެ ރައީސް އިބްރާހިމް ނަސީމް ވަނީ ބުނެފައެވެ.