ރާއްޖޭގެ ތާރީހީ ފަތްފުއްތަކަށް ބަލާލައިފި ނަމަ މި ކުޑަކުޑަ ދީބު ލޯބިވާ، މި ދީބަށްޓަކާ ފުރާނަދިނުމަށް ތައްޔާރަށް ތިބި އެތައް ފަހުލަވާނުންނެއް ފެނިގެންދާނެއެވެ. ކަނޑި ބަޑީގެ ހަމަލާތަކުން ގައުމު ދިފާއުކުރުމަށް ފުރާނަ ގުރުބާންކުރި އެތައް އަބްޠާލުންނެއް ތިބިކަން ރާއްޖޭގެ މުއްސަނދި ތާރީހުން ހެކިދޭނެއެވެ. މިފަދަ އަބްޠާލުންގެ ފުށުން އިބްރަތް ލިބިގަނެ މިދީބު ކުރިއަށްއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ހިންމަތާއި މިންނަތާއެކު އަތުކުރި އޮޅާލައިގެން ތިބި އެތައް ބަޔަކު މިއަދުވެސް ފެންނަން ތިބުން މިއީ ގައުމުދެކެ ލޯބިވާ ދަރިއެއްގެ ހައިސިއްޔަތުން ނުހަނު ހިނިތުންވެ އުފާކުރާ ކަމެކެވެ.

"އަހަރެންގެ މޭ ގައުމަށް ޓަކާ، އައްޑަނަ އަކަށް ދިއްކޮށްލުމީ، ފަހުނޭވަޔަށް ދަންދެން މޮޓޯ، ކަމުގައި ހިޔާރު ކުރާނަމޭ" ބުނެ އެކިގޮތްގޮތުން ގައުމުގެ ދިފާއުގައި، ގައުމަށް ޓަކާ، ގައުމުގެ ޝަރަފަށް ޓަކާ ގުރުބާންވި އަދި ގުރުބާންވާން ތައްޔާރަށް ތިބި އެތައް ބަޔަކު މިއަދުވެސް އަޅުގަނޑުމެންގެ މިލޮބުވެތި ވަތަނުގައި އެބަތިއްބެވެ.

ކަނޑި، ބަޑިން ނޫނަސް ގައުމުގެ ފަހުރަށް ޓަކާ ބާރު އެތައް ހަމަލާއެއްގެ ކުރިމައްޗަށް ސާބިތުކަމާއިއެކު މޭ ދިއްކޮށްލުމަކީވެސް ގައުމަށް ޓަކާ ކުރެވޭ މަތިވެރި ޖިހާދަކަށްމެ ނޫނީ ނުވާނެއެވެ. މިފަދައިން އެންމެ ފާހަގަކޮށްލެވޭނެ އެއްފަރާތަކީ 17 އަހަރުވަންދެން ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބަލަހައްޓަމުން ގެންދިޔަ ގައުމުގެ "އައްޑަނަ"ގެ ގޮތުކައި ދިވެހި ކޮންމެ ދަރިއެއްގެ ހިތުންވެސް ޖާގަހޯދާފައިވާ، ޖެހިލުންކުޑަ، ކެރޭ، ލާމަސީލު އިމްރާން މުހަންމަދު (އިންމަ) އެވެ.

އިތުރު ތަޢާރަފަކަށް ބޭނުންނުވާ ގައުމުގެ އައްޑަނަ، އިމްރާން މުހަންމަދު

ކީޕަރު އިމްރާން މުހައްމަދު

18 ނޮވެމްބަރު 1980 ވަނަ އަހަރު މަހިބަދޫއަށް އުފަން އިމްރާން މުހަންމަދަކީ ދިވެހި ކޮންމެ ފަރުދަކުވެސް އެފަރާތަކަށްޓަކައި ތާ އަބަދަށް ޝުކުރުވެރިވާ، އަބަދަށްމެ ފަހުރުވެރިވާ ދިވެހި ދަރިއެކެވެ. ރަނގަޅު އަހުލާގެއްގެ، ހުލްގު ހެޔޮ، އެކުވެރިންނާއި އެކުގައި އެއްޓީމަކަށް ކުޅެފައިވާ ކުޅުންތެރިން ސިފަކޮށްދޭ ގޮތުގައި ސަކަ މިޒާޖެއްގެ ގައުމުދެކެ ނުހަނު ލޯބިވާ މިޖީލުގެ ގައުމީ އައްޑަނައެވެ.

ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ގޯލް ބެލެހެއްޓުމުގައި އެފަދަ ދެވަނައެއް ނެތް މުޅި ދިވެހި ގައުމުވެސް މިމަގާމަށް އެންމެ ފުރިހަމައަށް އިތުބާރުކުރާ ފަރާތަކަށް އިމްރާން ވުމަކީ އޭނާގެ ޒިންމާ އަދާކުރުމުގައި ކުޑަވެސް އުނިކަމެއް ނެތްކަމުގެ ހެއްކެކެވެ.

ކްލަބު އީގަލްސް އިން ކެރިއަރު ފެށި އިމްރާން ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު، ވީބީ އައްޑޫ އެފްސީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ.

ވިކްޓްރީއާ އާއި ނިއުރޭޑިއަންޓާއެކު ގައުމީ ތަށި އިމްރާން މިލްކުކުރިއިރު، ނިއުރޭޑިއަންޓުން 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު، އެޓީމުގެ ގޯލު ބެލެހެއްޓީވެސް އިމްރާނެވެ.

އިމްރާންގެ ގައުމީ ހިދުމަތް ކުރުގޮތަކަށް

ދެހާސް ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުތްއިރު ގޯލުގައި އޭރު ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު އިސްހާގު އީސާ ނެތުމުން ބައެއް މީހުން ސުވާލުކުރަން ފެށި އެވެ.

އިސްހާގުގެ ބަދަލުގައި ގޯލް ބަލަހައްޓަން ހުރި އުމުރުން 18 އަހަރުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ދައްކަން ފެށި ހުނަރުން އޭނާގެ ގާބިލްކަމާއި މެދު ޝައްކު ކުރާފަރާތެއް ހުރިނަމަ އެފަރާތެއްގެ ހިތަށް ތަސައްލީ ލިބިގެންދިޔައެވެ. ލަންކާ އާއި އިންޑިއާ އަދި ބަންގްލަދޭޝްގެ ފޯވާޑުންގެ މުބާރާތުގައި ފޮނުވާލަމުން ދިޔަ ވަރުގަދަ ހަމަލާތަކަށް ހުރަސް އަޅާ ތިމަންނާ ގޯލްގައި ހުރިހައި ހިނދަކު މިގޯލަށް ބޯޅައެއް ވަނަ ނުދިނުމަށް އަޒުމް ކަނޑައަޅައިގެން ހުރި އިމްރާންގެ ފަރާތުން އުއްމީދީ ކުޅުމެއް އެ މުބާރާތުގައި ފެނިގެންދިޔަ އެވެ. އިސްހާގާއި އަސްލަމް އަބްދުއްރަހީމް ފަދަ ކީޕަރުންގެ ބަދަލުގައި ތަޖުރިބާ މަދު ކީޕަރަށް އޭރުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ދިން ފުރުސަތަކީ ހައްގު ފުރުސަތެއްކަން އިމްރާން ވަނީ ސާބިތުކޮށްދީފައެވެ.

ދިވެހިންގެ ހިތް ރޮއްވާލުމަށްފަހު އިންމަ ގައުމީ ޓީމްގެ ޖާޒީ ބޭލީ 2016 ވަނަ އަހަރުއެވެ. އަދި ޕްރޮފެޝަނަލް ލެވެލްގައި ދަނޑުމަތީގައި އަދާކުރަމުންދިޔަ ވާޖިބައް ހުއްޓުމެއް ގެނައީ 2019 ވަނަ އަހަރުގައެވެ.

އިމްރާން ގައުމީ ޓީމުން ރިޓަޔާ ކުރުމާއި ގުޅިގެން މުޅި ދިވެހި ގައުމުން ހިތާމަކުރި އިރު ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ފުރަތަމަ ކެޕްޓަން އަދި އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވީ އިމްރާނަކީ ދިވެހި ފުޓްބޯޅައިގެ ޝަހުސިއްޔަތެއް ކަމަށާއި ރިޓަޔާ ކުރިނަމަވެސް އެކަން ބަދަލުނުވާނެ ކަމަށެވެ. އަދި ގައުމީ ޓީމަށް އިމްރާންގެ އެހީތެރިކަން ވެގެންދާނީ ވަރަށް ބޭނުންތެރި އެއްޗަކަށް ކަމަށާއި އެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އޮތްކަމަށް އިބްރާހިމް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އިމްރާން ވިދާލި މުބާރާތް ކަމަށްވާ ގޯލްޑަން ޖުބިލީ އަށް ފަހު އޭނާ ދެން ގައުމީ އަންގި އަޅައިގެން ނުކުތީ 2001 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން އަށެވެ. އޭނާ ބެލެހެއްޓި ގޯލަށް އޭޝިއާގެ ގަދަ ބާރު ޗައިނާ އަށް މާލޭގައި ވައްދާލެވުނީ އެންމެ ލަނޑެކެވެ. ރާއްޖެ ފުރަތަމަ ފަހަރަށް ގްރޫޕުގެ ފުލުން ސަލާމަތްވިއިރު އިމްރާންގެ ދައުރު ބޮޑުވުން މިއީ އިމްރާންގެ ކުޅަދާނަކަމާއި ހުށިޔާރުކަމަށް ދިވެހިން ކުރަމުން ދިޔަ އިތުބާރު ބޮޑުވެގެން ދިޔަ ސަބަބެކެވެ.

އަދި 2004 ވަނަ އަހަރު އޭގެ ކުރީ ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ދެކުނު ކޮރެއާ އާއި ދެކޮޅަށް މާލެގައި ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި އިމްރާންގެ ފަރާތުން ފެނިގެންދިޔަ ހުނަރުވެރިކަން މިއީ ތާއަބަދަށް ދިވެހިން އެކަމަކަށް ޝުކުރުވެރިވާ ކަމެކެވެ. 2008 ވަނަ އަހަރު، ފުޓްބޯޅައިން ދިވެހިން އެންމެ ބޭނުންވި ކާމިޔާބީ ހޯދައިދިނުމުގައިވެސް އެންމެ ބޮޑު އެންމެ އިސް ރޯލެއް އަދާކޮށްފައިވާ އެއްފަރާތަކީވެސް އިމްރާނެވެ. ރާއްޖޭގެ ގޯލަށް ބޯޅައެއް ވަދެދާނެހެން ހީވާ ކޮންމެ ފަހަރަކު އެތައް ހަމަލާއެއް ހުއްޓުވާ، ރަން ތައްޓަށް ދިވެހިން ކުރަމުން އައި އުންމީދުގައި މަޑުމަޑުން ކުލަ ޖައްސަމުން ގެންދިޔަ އެއް މޭސްތިރި އަކީ އިމްރާނެވެ.

މެޗުތެރެއިން ބޮޑެތި އަނިޔާތަކަކާއި ކުރިމަތިވެ ނުރައްކާތެރި އެތައް ހާލަތްތަކަކާއި ކުރިމަތިވި ނަމަވެސް އެނބުރި އޭނާގެ ވާޖިބުކަމަށް ދެކިގެން ހަތިޔާރެއްގެ ގޮތުގައި އޭނާގެ އަންގި ހިފައިގެން ދަނޑުމަތީގައި ހުއްޓެނީ ގައުމު ދެކެ ވާލޯތްބެއްގެ ސަބަބުން ކަމާއިމެދު ޝައްކެއް ނެތެވެ.

ގައުމީ ޓީމަށް ކުޅެން ފެށީއްސުރެ ރިޓަޔާކުރުމާއި ހަމައަށް އިމްރާން ނެތި ގައުމީ ޓީމު ކުޅުނީ ބޮޑު އެންމެ މުބާރާތެކެވެ. މާލޭގައި 2009 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގެ ކުރިން އިނގިލި ބިންދައިގެން ދިއުމުން އޭނާ ކުޅިބަލަން ހުންނަން ޖެހުނުކަން ގައުމީ ޓީމުގެ ގޯލުން ވަރަށް ބޮޑަށް ފެނުނެވެ. ކޮލިފައިނުވެ ރާއްޖެ އެ ފަހަރު ކެޓިއިރު އެންމެން ދެއްކީ އިމްރާން ނެތުމުން ފެނުނު އުނި ކަމުގެ ވާހަކަ އެވެ. އެކަމަކު އޭގެ ބަދަލު އޭނާ ފުރިހަމައަށް ދިނެވެ. އޭގެ ފަސް އަހަރު ފަހުން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ޗެލެންޖް ކަޕުގެ ތިން ވަނަ ރާއްޖެ އަށް ލިބުމުގައި، މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި އިމްރާން މަތަކުރި ޕެނަލްޓީތަކުގެ ދައުރު ބޮޑެވެ.

އެތައް ގުރުބާނީއަކާއި ބުރަ މަސައްކަތްތަކެއް އަދި ފަހުރުވެރި ކާމިޔާބީތަކަކަށްފަހު އިމްރާން ރިޓަޔާ ކުރިއިރު ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް އޭނާ ވަނީ ހާސިލުކޮށްފައެވެ.

ދަނޑު މަތީގައި ދެއްކި ލީޑާޝިޕް ކަނޑުމަތީގައިވެސް ދަނީ ދައްކަމުން

ޝަރަފުވެރިކަމާއެކު އިންމަ ގައުމީ ޓީމުން އަދި ފްރޮފެޝަނަލް ލެވެލްގައި ފުޓުބޯޅަ ކުޅުން ހުއްޓާލި ނަމަވެސް އަދިވެސް ކޯޗެއްގެ ހައިސިއްޔަތުން އޭނާގެ އެހީތެރިކަން އަދިވެސް އަންނަނީ ދިވެހި ފުޓުބޯޅަ އާއިލާއަށް އަދި ފުޓުބޯޅައިގައި އެހީތެރިކަން ބޭނުންވާ އެތައް ފަރާތަކަށް ލިބެމުންނެވެ. އެހެންނަމަވެސް މިއަދު އޭނާއަކީ ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގައިވެސް ނަމޫނާ ދައްކަމުން އަންނައިރު އޭނާއަކީ ދިވެހި މަސްވެރިންގެ އަޑު ވުޒާރާ ތަކާއި ކަމާއި ބެހޭ ފަރާތްތަކަށް ފޯރުކޮށްދޭ ދިވެހި މަސްވެރިންގެ ކެޕްޓަންއެވެ. ނުވަތަ އެފަރާތްތަކުގެ ލީޑަރެވެ.

މަސްވެރި އާއިލާއަކަށް އުފަން އިންމަ މަސްވެރިކަމަށް ލޯބިޖެހުނީ ފުޓުބޯޅަ ކުޅުން ހުއްޓާލުމުންނެއް ނޫނެވެ. އޭނާގެ ކެރިއަރުގެ އެންމެ ޕީކް ދުވަސްވަރުވެސް ލިބޭ ފުރުސަތު ތަކުގައި މަސްވެރިކަަމަށް ގޮސް އުޅެއެވެ. މިހާރު ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އިންމަގެ އަމިއްލަ މަސް ދޯންޏެއްވެސް އޮންނަކަމަށް ވެއެވެ.

މަސްވެރިންގެ ކަންކަމުގައި ހައްގު ބަސް އުފުލައިދޭން ގައުމުގެ ޝަރަފުވެރިއެއް ނުކުތުމުން، އެކަން ވެގެންދަނީ މަސްވެރިންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްވަރަށެވެ. މަސްވެރިންނާއި ގުޅުންހުރި ތަފާތު އެތައް ކަމެއްގައި އެފަރާތްތަކުގެ ފަރާތުން އަޑުއުފަލައި ދިނުމަށް ވެދެވެން އޮތް ހުރިހާ ގޮތަކުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ފަރާތަކީ ގައުމީ އައްޑަނަ އިމްރާން މުހަންމަދެވެ.

ފީފާ ސެންޗޫރީ ކްލަބްގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާ

ގައުމީ ޓީމަށް ކުޅެދިން 109 މެޗާއެކު އޭނާވަނީ ފީފާގެ ފީފާގެ ސެންޗޫރީ ކްލަބްގައި ހިމެނި ދިވެހި ތާރީހުން އިތުރު ޖާގައެއްވެސް ހޯދާފައެވެ. މި ޝަރަަފުވެރި ކްލަބްގައި ހިމެނޭ ރާއްޖޭގެ ހަމައެކަނި ކުޅުންތެރިޔާއަށް ވުމުގެ އިތުރުން އިންމަ އަކީ ސައުތް އޭޝިއާއިން މިކުލަބުގައި ހިމެނޭ ދެކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. ދެން މިސަރަހައްދުން މިކުލަބުގައި ހިމެނެނީ އިންޑިއާގެ ސުނިލް ޗެތްރީއެވެ.

އިއްޔެ ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި އެފްއޭއެމް ފައުންޑޭޝަން އިފްތިތާހު ކުރުމަށް ބޭއްވުނު ހަފްލާގައި އެފްއޭއެމްގެ ފަރާތުން އިންމައަށް ވަނީ މިކުލަބުގައި އިމްރާން ހިމެނުމުން ޝަރަފުވެރިކަމުގެ އައްޑަނައެއް އަރުވާފައެވެ.

އިމްރާންގެ ހިދުމަތުގެ އަގުވަޒަންކުރާނެ ގޮތެއް ނޭނގޭ ހާލުގައިވެސް ފުޓުބޯޅައަށް ލޯބިކުރާ ގައުމުދެކެ އިންތިހާއަށް ލޯބިވާ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާތްގަނޑަކަށް 20 އަހަރު ދަނޑުމަތީގައި ތިދެއްކެވި ހިތްވަރާއި ނަމޫނާއަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. އަދި ގައުމީ ޓީމުގެ "އައްޑަނަ" އިގެ ގޮތުގައި 16 އަހަރު ވަންދެން ތިދެއްކި ސާބިތުކަމަށް ހިތުގެ ފުންމިނުން ސަނާ ކިޔަމެވެ. ދަނޑުމަތިން އިންމަ ފެންނަން ނެތްކަމުގައި ވީނަމަވެސް، އަދި ގައުމީ ޓީމުން އިންމަ ނެތްކަން ކިތަންމެ ބޮޑަށް ދެއްކި ނަމަވެސް އިންމަ ވަނީ ޝަކުވާ ކުރަން ބޭނުންވާ މީހަކަށްވެސް އެފުރުސަތު ނުލިބޭނެހޭ އަގުހުރި ހިދުމަތް މިގައުމަށް ކޮށްދީފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައމރ

    މިއީ އައްފާންގެ މިހާތަނަށް އެންމެ ފުރިހަމަ ލިޔުން!! ތި ގޮތަށް މައުލޫމާތު ރަގަޅަށް ހޯދައިގެން ލިޔުނީމަ ކިހާ ސަޅި!؟އަދި ތިކިޖެހި ތާނައަށް ސަމާލުކަން ދީގެން ލިޔާނަމަ ވަރަށް ރީތި އަދި ފަށުއިވެސް ވާނެ މިސާލަކަށް އަހުލާގުގެ ބަދަލުގައި އަޚްލާޤް މިކަހަލަ ލިޔުމުގެ ކުށްތައް އިސްލާހު ކުރީމަ ވަރަށް ރީތި ލިޔުމަކަށް ވާނެ! (:

  2. ރާކަނި ސައްތާރު

    މަ ރަ ޑޯނާ ...މީ އިތު ރަށް ޕޮފިއުލާ ވެލަން ރަގަޅު ދުވަސް ކޮޅެއް.

  3. ޚަލީލް

    އިންސާނަކާ މުޚާޠަބުކޮށް "ފަރާތެކެވެ" ނުކިޔާނެ. ކިޔާނީ، "މީހެކެވެ" ނުވަތަ "ބޭފުޅެކެވެ" ނުވަތަ ފިރިހެނެއް ނަމަ "ބޭކަލެކެވެ" ނުވަތަ އަންހެނެއް ނަމަ "ބޭކަނބަލެކެވެ" މިގޮތަށް.