ދިވެހިންތަކެއް ތިބި ތެޔޮބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ދެންމެ ވިދާޅުވީ ކ.އަތޮޅު ގުޅީފަޅު ކައިރީ އަޅާފައި އޮތް "ވިކްޓޯރިއާ 301" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީން ރޫމަށް ދިޔަވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑްގެ ސްކޮޑްރޮން އިން ޑައިވަރުންނާއިއެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މިބޯޓްގައި އަށް ދިވެހި ފަޅުވެރިން އެބަތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިބޯޓަށް ދިޔަވާ ކަމުގެ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 08:00 ގައެވެ.

އިންޓަނެޓުން ލިބެން ހުރި މައުލޫމާތައް ބަލާއިރު "ވިކްޓޯރިއާ 301" އަކީ ތެޔޮ އުފުލާ ބޯޓެކެވެ. 1991 ވަނަ އަހަރު ބަނދެފައިވާ މިބޯޓު މިހާރު ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި އޮތް ނަމަވެސް މީގެ ކުރިން މިބޯޓު ވަނީ އެހެން ބައެއް ގައުމުތަކުގައި ވެސް ދުއްވާފައެވެ. މިބޯޓު މިހާރު ގުޅީފަޅު ކައިރީގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.