ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން އެ ކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގެ ތާވަލުގައިވާ ގޮތުން މި މައްސަލައިގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 އަށެވެ. މި މައްސަލައެގެ އަޑުއެހުންތަކެއް ކުރިން ވެސް ބާއްވާފައިވާއިރު މި ޝަރީއަތް އަދި އޮތީ އިބްތިދާއީ މަރުހަލާގައެވެ.

މި ކުޑަ އަންހެން ކުއްޖާގެ ކާފަ، އުމުރުން އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީއާއި މުނިކާފަ އުމުރުން 82 އަަހަރުގެ ހަސަން މޫސާ ދީދީގެ މައްޗަށް އުފުލާފައިވަނީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވީ މި އަހަރުގެ ކުރީކޮޅުގައެވެ. އެ ވާހަކަތައް މީޑިއާތަކުން އާންމުންގެ ސަމާލު ކަމަށް ގެނައުމުން މުޅި ގައުމަށް ވަނީ ސިހުން ލިބިފައެވެ. އަދި ކުއްޖާގެ ދިފާއުގައި އެއްވުންތަކާއި ހިނގާލުންތައް ބާއްވާ އަޑުއުފުލާފައިވެއެވެ.

ދެކުނުގައި ކުޑަކުޑަ އާބާދީއެއް އޮންނަ ކަނޑުހުޅުދޫގައި އުމުރުން އޭރު އެންމެ އެއް އަހަރާއި، ނުވަ މަހުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުން ޖެންޑާ މިނިސްޓްރީ އާއި، ފުލުހުންގެ ސަމާލު ކަމަށް އެކަން އައީ ޖެނުއަރީ 19 ވީ ބުދަ ދުވަހުއެވެ. އެ މައްސަލައާއި ގުޅޭ މައުލޫމާތު މީޑިއާއަށް ފުލުހުން ހިއްސާ ކޮށްފައި ވަނީ އޭގެ އެއް ދުވަސް ފަހުންނެވެ.

ކަނޑުހުޅުދޫ ކުޑަކުއްޖާގެ މައްސަލައާއި ގުޅިގެން އެ ކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރު ކުރީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

މީގެ ކުރިން ފުލުހުން ވިދާޅުވެފައި ވަނީ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ކާފައަށް ކަމަށެވެ. މުނިކާފަ ހައްޔަރުކުރީ އޭގެ ކުރިން އެފަދަ މައްސަލައެއްގެ ރެކޯޑް އޮތުމުންނެވެ. އަދި އޭނާ އޭރު ފުލުހުންގެ ބަންދުން ދޫކޮށްލާފައި ވަނީ ސިއްހީ ހާލަތާއި އުމުރަށް ބެލުމަށްފަހު ކަމަށެވެ.

އޭގެ ފަހުން އެ ކުއްޖާގެ ބައްޕަ ފިލައިގެން ހުޅުމާލެ ފްލެޓެއްގައި ހުންނަނިކޮށް ވަނީ ހައްޔަރުކޮށްފައެވެ. އޭރު އެ ފްލެޓް ކައިރިއަށް ގިނަ އަދަދެއްގެ މީހުން ޖަމާވެ ކުއްޖާގެ ދިފާއުގައި އަޑުއުފުލާފައިވެއެވެ. ބައެއް ހަމަނުޖެހުންތައް ވެސް އެ ދުވަހު އެ ފްލެޓް ކައިރީ ހިނގާފައިވެއެވެ.

މި މައްސަލަގާއި ހިމެނޭ ކުޑަ ކުއްޖާ ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައެވެ. އެ ކުއްޖާގެ މަންމައާއި ބައްޕައަކީ މަސްތުވާތަކެތި ބޭނުން ކުރާ ދެ މީހުނެވެ. އެ ކުއްޖާއަށް އިހުމާލުވި ކަމުގެ ދައުވާ މަންމައާއި ބައްޕަގެ މައްޗަށް ދައުލަތުން އުފުލާފައިވެެއެވެ.

މި މައްސަލައިގައި އެ ކުއްޖާގެ ކާފައާއި މުނިކާފަ ހައްޔަރު ވެސް ކުރިއެވެ. އެ ކުއްޖާގެ މުނިކާފައަކީ އޭގެ ކުރިން ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ރެކޯޑް ވެސް އޮތް މީހެކެވެ. އެކަމަކު އޭނާ ހައްޔަރު ކުރުމަށް ފަހު، ފަހުން ދޫކޮށްލާފައިވާ އޭނާގެ ސިއްހީ ހާލަތާއި އުމުރަށް ބެލުމަށް ފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކާލާ

  އަދި ތަންކޮޅެއް އަވަހެއްނު ތިކަމާއުޅެން ، އެކުޑަމަންޖެވެސް ބޮޑުވެތަސައްރަފު ފުދުނީމަ ޝަރީޢަތް ބާވާނެކަމަށް އަޅުގަޑުމެން ހީކޮށްގެންމިތިބީ! ކީއްކުރާނީ، ތިކަމެއްހިނގާގެން އުޅުނު ދުވަސްވަރުހީވީ ދެފަޔައްހިނިއަރާގެން އެންމެންއުޅުނުހެން.. އަދުލުއިންސާފު، ކޮންމެމީހަކުވެސްކާލާގެން ބަނޑުދައްކާލަނީ!

 2. މުންޑު ސަރުދާރު

  ތި މީހުންނަށް ރުގިއްޔާ ކުރަން އަހަރުމެންނާއި ހަވާލޮކޮށް ދީފާނަންތަ؟

 3. ހޯރަ

  މި މީހުން ދޫކޮށްނުލަނީ އެމްޑީޕީ ބަޔަކަށް ނުވާތީދޯ.. ހޯރައިއްބެ ނޫންވީމަ މި މީހުން ހައްޔަރުކުރީހެން ހީވަނީ

 4. ގެރި

  އަނިޔާވެރި ރޭޕް ސަރުކާރު އިސްތިއުފާ