އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ ބައެއް އިންސާނުން ވަރަށް ކުރާ ހިތްވާ ކަމެކެވެ. ޖަނަވާރު އޮޅު ކުރުމުގެ އުކުޅުތައް ދަސްކޮށްގެން، ވަރަށް ބޮޑަށް އިންސާނުން މުޖުތަމައުގައި އުޅެވޭ ވަރަށް އޮޅު ކުރުމަށް ފަހު ބޮޑު އަގުގައި ވިއްކާ ވެސް ލައެވެ. ނީލަން ވެސް ކިޔައެވެ.

ކޮތަރު ނީލަމަކީ ވެސް ދުނިޔޭގެ ބާޒާރުގައި ވަރަށް ވާދަވެރި ނީލަމެކެވެ. އެކަމަކު ކޮތަރެއްގެ ނީލަމުގައި މިލިއަނަށް ވުރެ ގިނަ ޑޮލަރަށް ވިކިގެން ދިއުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ނަމަވެސް ބެލްޖިއަމްގައި އޮޅުކޮށްގެން ގެންގުޅުނު ކޮތަރެއް މި ވަނީ ދުނިޔޭގެ ބާޒާރުގެ ނީލަމަށް އައިސް އެހާމެ އަގު ބޮޑުކޮށް ވިކިފައެވެ.

ބައިނަލް އަގްވާމީ ޕިޖިއަން އޮކްޝަން ހައުސިންގެ ސީއީއޯ ނިކޮލާސް ބްރިޗޮޓް ވިދާޅުވި ގޮތުގައި އެއީ މި ނޮވެމްބަރު މަހުގެ ކުރީކޮޅު ނީލަމަށް ލީ ކޮތަރެއް ކަމަށެވެ. އެ ކޮތަރުގެ ނީލަން ފެށީ އެންމެ 200 ޔޫރޯއިން ކަމަށާއި އެކަމަކު އެންމެ ދޮޅު ގަޑިއިރު ތެރޭގައި އޭގެ އަގު 1.3 މިލިއަން ޔޫރޯއަށް އަރައިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ އެ ކޮތަރަށް ބޮޑު އަގަކުން ނީލަން ކިޔަން ފެށީ ދެކުނު އެފްރިކާގެ ގްރޫޕަކުންނެނެވެ. ފަހުން ޗައިނާގެ ބިޑަރެއް ވެސް ނީލަމުގެ ވާދައިގެ ބައިވެރިވިއެވެ. ނީލަން ކާމިޔާބު ކުރީ އެ ގްރޫޕް އިންނެވެ. އެ ގްރޫޕްއިން ނީލަން ކާމިޔާބު ކުރީ 1.8 މިލިއަން ޔޫރޯއަށެވެ. އެއީ ގާތްގަނޑަކަށް 33 މިލިއަން ރުފިޔާއެވެ. މި ނީލަމާ އެކީ މި ކޮތަރު ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ކޮތަރަށެވެ.

ކޮތަރު އޮޅުކޮށްގެން ގެންގުޅުނު ބެލްޖިއަމްގެ ރައްޔިތެއް ކަމުގައިވާ ކާޓް ވެން ޑެ ވައުވޯ ބުނީ އެންމެ ފުރަތަމަ ނީލަމަށް އެ ކޮތަރު ލީއިރު އެހާ މައްޗަށް އަގު ދާނެ ކަމަށް ގަބޫލު ވެސް ނުކުރާ ކަމަށެވެ. އެކަމަކު މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަގެއްގައި ވިކިގެން ދިއުމުން އެ މީހުން ތިބީ ހައިރާންވެފައި ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަމަލުމަސް

    ތި ސޮރު މި ސަރުކާރަށް ނުދައްކާ ގެންގުޅެއްޗޭ. ކާލަފާނެ

    24
    21
  2. ތުނބުޅި

    ތީ ލަދުކުޑަ ކޮތަރެއް. އެހެންވީމަ އެހާ އަގު ބޮޑީ

    10
    6
  3. އަލި ދީދީ

    ތީގެ ކޮތަރެއް މާލޭގައިނެތްތަ؟؟