ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދު ހުއްޓިފައި އޮތުމަށްފަހު އަލުން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވިގެންދާ މި ދަނޑިވަޅަކީ ވަރލްޑް ބޭންކުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވަރލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފެރިސް ހަދާދް ޖަވަރސް އަދި އެ ޖަމިއްޔާގެ ކަންޓްރީ މެނޭޖަރ ޗިޔޯ ކަންޑާއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސް ސާލިހު ވަނީ މި ދެބޭފުޅުންގެ މަގާމުގެ ހައިސިއްޔަތުން އަލަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުކަމުން އެކަމަށް މަރުޚަބާ ދަންނަވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި މި ދެބޭފުޅުން ވަނީ ރައީސް، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ދެ އަހަރު ދުވަސް ފުރިހަމަ ކުރެއްވުމާއި ގުޅިގެން އެކަމަށްޓަކައި ތަހުނިޔާ ވިދާޅުވެފައެވެ. އަދި އެބޭފުޅުން ވަނީ މި ދެއަހަރު ދުވަހުގެ ތެރޭގައި ދރާއްޖެއިން އަންހެނުން ބާރުވެރިކުރުވުމާއި، ލާމަރުކަޒީ ކުރުމާއި، ޑިމޮކްރަސީއާއި، އިޖްތިމާއީ އަދި ސިޔާސީ ހައްގުތައް ހޯދަދިނުމުގެ ރޮނގުން ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ، ވަރލްޑް ބޭންކުން ވޭތުވެދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާ ގާތްގުޅުމެއް ބާއްވާފައިވާ ކަމަށާއި، އެގޮތުން، އެ ޖަމުޢިއްޔާގެ އެހީގައި އެ މުއްދަތުގައި ރާއްޖޭގައި 295 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރެވި، 32 މަޝްރޫޢެއް ހިންގިފައިވާކަަމަށެވެ.

އަދި، މިހާރުވެސް ވަރލްޑް ބޭންކުގެ އެހީގައި ޕަބްލިކް ފައިނޭންސާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ކެޕޭސިޓީ އިތުރުކުރުމާއި، ތަޢުލީމީ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމާއި، މީހުން ބިނާކުރުމަށް ދެއްވާފައިވާ ޙާއްޞަ އަހައްމިއްޔަތު، ރައީސް ފާހަގަކުރެއްވިއެވެ.

އަދި ކޮވިޑް-19ގެ މި ހާލަތުގައި އެންމެ ފުރަތަމަ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ވަރލްޑް ބޭންކް ހިމެނޭކަމަށާއި، އެގޮތުން ސިއްހީ ދާއިރާ ހަރުދަނާކުރުމާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިކަން ހޯދުމާއި، ރާއްޖެއަށް އެއިރެއްގައި ބޭނުންޖެހިފައިވާ މަޝްރޫޢުތައް ހިންގުމަށް ދެމުންގެންދާ އެހީ ރައީސް ފާހަގަކުރެއްވި އެވެ.

އަދި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ރާއްޖެއަށް ވެދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން މިހާރަށްވުރެ ފުޅާކުރައްވާ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ކުރިއެރުމަށް އެހީތެރިވެދެއްވާނޭކަމަށް އުންމީދު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ވަރލްޑް ބޭންކުގެ ވަފުދުން ވަނީ ރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އެޅުވުމުގައި މިހާރުން މިހާރަށް ބޭނުންވާ މެކްރޯ-ފިސްކަލް ބަދަލުތައް ގެނައުމުގެ އިތުރުން އިޤްތިޞާދު ހަރުދަނާކޮށް، ޮވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

އަދި، ސަރުކާރުގެ ދެ އަހަރު ދުވަހުގެ ކާމިޔާބު މަސައްކަތުން އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ ބާރުވެރިކުރުވުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ކާމިޔާބީއަށް އެދޭކަމުގައި އެވަފުދުން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އަޖައިބެއް! ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަން! އަންނަ އަހަރު 1 މިލިއަން ފަތުރުވެރިން އަންނާނެކަން ޔަޤީންކޮށްގެން ތިބީ! ދަރަނިމަތިން ދަރަނި އޮތްއިރު ކީއްކުރަން އިތުރު ލޯނެއް! މަށަށް ޔަޤީން ތި ލޯނު ނަގާފައި ކާލާފައި ދަރަނި އަޅުވާނީ ރައްޔިތުންގެ ބޮލުގައިކަން! މިހާތަނަށް ނެގި ލޯނުން ބޮޑުބައި ވަނީ ކާލާފައި! ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތަ!

    11