އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް، "ވަގުތު" ނޫސްވެރިން "ހޭރިޔާ" ފަށައިފިއެވެ.

ސިޓީ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ހާއްސަ ބައްދަލުވުމުގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި ކައުންސިލް މެމްބަރުންގެ ތެރެއިން ފައިސަލް އިބްރާހިމާއި އަލީ ފަހުމީ އަހުމަދާއި އިބްރާހިމް ޝުކުރީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި "ވަގުތު" އޮންލައިންގެ އިސް ބޭފުޅުންނާއި ނޫހުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ ނޫސްވެރިން ވެސް ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި މޭޔަރު ސޯދިގާއި ކައުންސިލް މެމްބަރުން ވަނީ "ވަގުތު" ގެ ޓީމުން އައްޑޫ އަށް ޒިޔާރަތް ކުރުމުން މަރުހަބާ ދަންނަވައިފައެވެ.

"ވަގުތު" ޓީމާއި އަައްޑޫ ސިޓީގެ މޭޔަރު އަދި ކައުންސިލް މެމްބަރުން ބައްދަލު ކުރައްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އަދި އައްޑޫ ސިޓީގެ ޚަބަރުތަކާއި މައުލޫމާތުތައް ގެނެސްދިނުމަށް "ވަގުތު" އިން ކުރިއަށް ގެންދާ "ހޭރިޔާ" ގައި ކައުންސިލްގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށް މޭޔަރު ސޯދިގު ވިދާޅުވިއެވެ. އަދި އައްޑޫގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން "ހޭރިޔާ" އަށް އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ވަގުތަށް" ތައުރީފް ކުރައްވައި ސޯދިގު ވިދާޅުވި ގޮތުގައި އެ ޓީމުގައި ތިބީ ވަރަށް ޒުވާން ނޫސްވެރިންނެވެ.

އެހެންވެ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ މުހިންމު ކަން ސޯދިގު ފާހަގަކުރެއްވިއެވެ.

"ވަގުތު" ގެ ނޫސްވެރިން މިއަދުގެ ބައްދަލުވުމުގައި. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ވަގުތު" ގެ ޓީމުން އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި "ހޭރިޔާ" ކުރިއަށްދާނެ ގޮތް ޓީމުން ތަފްސީލްކޮށް ދިނެވެ. ހާއްސަކޮށް، އައްޑޫގައި ހުރި ތާރީހާ ގުޅޭ ކަންކަމާއި އާސާރީ ކަންކަމާއި ކުރިއަށް ރޭވިފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ކުޅިވަރުގެ ދާއިރާ އަދި އިޖުތިމާއީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރިއެވެ. އަދި އެހެނިހެން ބައެއް ދާއިރާތަކުން ވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ސޯދިގް ވިދާޅުވީ "ވަގުތު" ނޫސްވެރިން އައްޑޫގައި ހޭދަކުރާ ދުވަސްތަކުގައި ޒިންމާދާރު ކަމާއެކީގައި ސައްހަ މައުލޫމާތު ފަތުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އައްޑޫގެ ތާރީހާ ގުޅޭ ގޮތުން އާންމުންނަށް އޮޅޭ މައުލޫމާތުތައް ފެތުރިފައި ހުރި ކަން ސޯދިގް ފާހަގަ ކުރެއްވިއެވެ. އަދި ދިވެހިން ބޭނުންވާ ފަދަ ޝައުގުވެރި ވާހަކަތައް ގެނެސްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސޯދިގް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުން މިއަދުގެ ބައްދަލުވުމުގައި. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ދޮޅު ގަޑިއިރަށް ވުރެ ގިނަ އިރަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި "ވަގުތު" ޓީމުން ވަނީ ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓީގެ އާސާރީ ތަންތަނަށް ޒިޔާރަތް ކުރާނެ ކަން ހާމަކޮށް، އެ ތަންތަނުގެ ލިސްޓެއް ކައުންސިލާ ހިއްސާކޮށްފައެވެ. އަދި ބައެއް ތަންތަނަކީ ކައުންސިލާއި ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ވަދެވޭ ތަންތަން ކަމުގައިވާތީ، އެކަމުގެ އެހީތެރިކަމަށް ޓީމުން ވަނީ އެދިފައެވެ.

މިއަދުގެ ބައްދަލުވުމުގައި މޭޔަރު ސޯދިގު ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ޕްރެޒެންޓޭޝަނެއް ދެއްވައިފައެވެ. މި ޕްރެޒެންޓޭޝަންގައި އައްޑޫ ސިޓީގެ މަގުތައް ހެދުމާއި ބްރިޖު އެޅުމާއި ބިން ހިއްކުމާއި ފަތުރުވެރިކަމުގެ ދާއިރާ ފުޅާ ކުރާނެ ގޮތުގެ ޕްލޭން ހިއްސާ ކުރިއެވެ. އަދި ބައެއް މަޝްރޫއުތައް އަންނަ އަހަރު ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސޯދިގު ވިދާޅުވިއެވެ.

"ވަގުތު" ނޫސްވެރިން 29 ދުވަސް ވަންދެން ކަރަންޓީންގައި ތިބުމަށް ފަހު "ހޭރިޔާ" ފެށީ ނޫސްވެރިންނާއި ފޮޓޯގްރާފަރުންގެ ނަތީޖާ ނައްސިވުމުންނެވެ.

އައްޑޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ސޯދިގު ދެއްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ވަގުތު ހޭރިޔާ" ގައި އެއްވެސް މައުލޫމާތެއް ގެނެސްދިނުމަށް ބޭނުންވާ ފަރާތެއް ހުރިނަމަ ނުވަތަ ފަންނުވެރިންގެ މައުލޫމާތެއް ހިމަނަން ބޭނުންވާނަމަ އެފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. "ވަގުތު" އިން މައުލޫމާތުދޭ ގޮތުގައި 7999681 އަށް ގުޅުމުން "ވަގުތު" ގައި ރިޕޯޓް ގެނެސްދިނުމުގެ އިންތިޒާމްތައް ހަމަޖެހޭނެއެވެ.

"ވަގުތު ހޭރިޔާ" ދަތުރުގައި އައްޑުއަށް ދިމާވެފައިވާ މައްސަލަތަކާއި، އައްޑޫގެ އާންމު ހާލަތާއި، އައްޑޫގައި ކުރިއަށްދާ މަޝްރޫއުތަކާއި، އައްޑޫގެ ތާރީހާއި އަދި މިނޫނަސް އައްޑުއާއި ގުޅޭ ހާއްސަ ކަންތައްތައް "ވަގުތު" ކިޔުންތެރިންނަށް ގެނެސްދޭނެއެވެ. އަދި ދަތުރު ނިންމުމަށްފަހު އައްޑޫގެ ތާރީޚާއި ގުޅޭ ފޮތެއް ވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ފޮތް ނެރުމުގައި އެހީތެރިވުމަށް ކައުންސިލުގެ ކިބައިން "ވަގުތު" ޓީމުން ވަނީ އެދިފައެވެ.

ދިވެހިންގެ މެދުގައި އެންމެ މަގުބޫލް އޮންލައިން ނޫސް ކަމަށްވާ "ވަގުތު" އިން ވަނީ މީގެ ކުރިން ވެސް ގިނަ އަތޮޅުތަކަކަށް "ހޭރިޔާ" ދަތުރުކޮށްފައެވެ.

މިއީ "ވަގުތު" އިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ދެ ވަނަ "ހޭރިޔާ"އެވެ.