ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބާއްވާ ގޮތް ބެލުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޒިންމާއެއް ނޫން ކަމަށް އަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.

އަދާލަތުން މިހެން ވިދާޅުވެފައިވާއިރު ސިޔާސީ ޕާޓީތަކުން ޕްރައިމަރީއެއް ބާއްވާ ނަމަ އެކަމުގެ މައުލޫމާތު އީސީ އާ ހިއްސާކުރުމަށް އެ ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށް ދާދިފަހުން އަންގާފައެވެ.

އަދާލަތު ޕާޓީން އީސީ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބާއްވަނީ ސިޔާސީ ޕާޓީގެ ޤާނޫނާއި ސިޔާސީ ޕާޓީގެ ގަވާއިދާ އަދި މި ނޫންވެސް ދިވެހިރާއްޖޭގައި ތަސްދީޤުކޮށްފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަކަށް ކަން ނުވަތަ ނޫންކަންވެސް ކަށަވަރުކުރުމަކީ އީސީ އަށް އެއްވެސް ޤާނޫނަކުން ޒިންމާކުރުވާފައިވާ ކަމެއް ނޫން ކަމަށެވެ.

އެއްވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ވެސް ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ އިޚްތިޔާރު ވެސް އީސީ އަށް ލިބިފައިނުވާ ކަމަށާއި އަދި ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީގެ ނަތީޖާވެސް އީސީއާ ހިއްސާކުރުމަށް ލާޒިމުކޮށްފައިނުވާ ކަމަށް އަދާލަތުން ވިދާޅުވިއެވެ.

އަދި ވަކި މުއްދަތެއް އަންގާ ޕްރައިމަރީ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ އެންގުމަކީ ގާނޫނުތަކުގެ ބޭރުން އަންގާފައިވާ ޣައިރު ގާނޫނީ އެންގުމެއް ކަމަށް ގަބޫލު ކުރާ ކަމަށް އަދާލަތު ޕާޓީން ވިދާޅުވިއެވެ. އެފަދަ އެންގުންތަކަކީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުގެ ނުކުތާތަކާއި ހިލާފު ކަމެއް ކަމަށްވެސް އަދާލަތުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ އެދެވޭ ގޮތެއްގައި ރިޔާސީ އިންތިހާބަށް ތައްޔާރުވެފައި ނުވާކަމަށްވެސް އަދާލަތުން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އެ ޕާޓީން ވަނީ ރައްޔިތުންގެ އިތުބާރު އޮތް ކޮމިޝަނެއް އެކުލަވާލާ އާ ކޮމިޝަންގެ ދަށުން މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބާދިޔާ

    ޢެބުނީ ވަރަށް ބޮޑު ތެދުފުޅެއް...ބާޒް އެކަމާ އެއްބަސް

  2. އައްޓަމަސް

    ޕަރޓީތަކަސް ލާރިދޭންވީމަތަ އީސީ ގެ ޒިންމާ އޮންނަނީ؟!

  3. ސިމްރީ

    ޕާޓީ ތަކާބެހޭ ގަވާއިދު ފޮތާއި އީސީގެ ގަވައިދު ބައިހާރޓް ކޮށްގެން ދޯ އަނގަފެޅީ ލޮނު ގޮއްޔެ ތަރުތީބަށް ވީވަރުވެސް ނުވާނެ.

  4. މާރިޔާ

    ތީޕާޓީއެއްކަމައްބަޔަކުނުބަލާ ވ.ސަލާމް

  5. ގޮޅާ

    އިލެކްޝަނަކީ ޕާޓީ ތަކުގެ މަސްއޫލު ވެރި ފަރާތް އެމީހުން ހުރިހާ ކަމެއް ބަލަން ޖެހޭނެ