މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ޖަލަށްލާން ކުރި ޙުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ތާވަލް ކުރި ނަމަވެސް ކުރިއަށް ނުގެންދެވިގެން ނިންމާލައިފިއެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ހާމިދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް ކޯޓަށާއި ދައުލަތައް ވެސް ނުލިބޭތީއެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި އިންނެވި ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން މިއަދުގެ އަޑުއެހުން ނިންމާލީ ހާމިދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ކޯޓަށް ފޮނުވަން ފުރުސަތު ދިނުމަށް ފަހުއެވެ. ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ވިދާޅުވީ މިމައްސަލައިގެ އަޑުއެހުމެއް އަންނަ ޖަނަވަރީ މަހު ތަވަލް ކުރައްވާނެ ކަމަށެވެ.

ޅ.މާބިންހުރާ ކުއްޔަށް ދޫކުރުމުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި މައްސަލާގައި ހާމިދުގެ މައްޗަށް 2016 ވަނަ އަހަރުގެ ޖުލައި މަހު ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ޙުކުމް ކުރިއެވެ. އެޙުކުމަށް ހައިކޯޓުން ވަނީ ތާއިދު ކޮށްފައެވެ.

އެމައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ސުޕްރީމް ކޯޓުގައި ފެށިނަމަވެސް 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޙުކުމް ތަންފީޒުކޮށް ނިމިގެން ހާމިދު ވަނީ މިނިވަން ވެފައެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި މައްސަލާގައި ހާމިދުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ޖަލަށްލާން ޙުކުމް ކުރިއެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާއި އަދީބުގެ އެންގުމަކަށް ހަވާލުވީ ޒިޔަތެވެ. ޗެކާ ހަވާލުވުމަށް ފަހު އެ ޗެކް ޖަމާކުރީ ހާމިދުގެ ކުންފުންޏެއްގެ އެކައުންޓަކަށެވެ.

ހާމިދަކީ އަދީބުގެ ބޮޑުބޭބެއެވެ. ހާމިދަކީ ވަރަށް ކުރިއްސުރެ ރައީސް ޔާމީންގެ އެކުވެރިއެކެވެ. އަދީބު، ރައީސް ޔާމީނަށް ތައާރަފް ކޮށްދިނީ ވެސް ހާމިދު އެވެ. އެއީ ރައީސް ޔާމީން ޕީއޭ ހިންގި ދުވަސްވަރު އެވެ. ހާމިދު ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ހިންގި އޮޕަރޭޝަނެއްގައި 2015 ގެ ފަހުކޮޅު މެލޭޝިއާގައި ހުއްޓަ އެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ބައިވެރިޔަކަށް ހާމިދުވި ނަމަވެސް މިހާރު އޭނާގެ އެއްވެސް އިތުރު މައްސަލައެއް ތަޙްޤީޤު ކުރަމުންދާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.