ދައުލަތުން ބޮންޑު ވިއްކުން ފަދަ މާލީ ނިންމުންތައް ސިއްރު ކުރުމަކީ ދައުލަތް ނުރައްކަލަށް ހުށަހެޅޭ ކަމެއް ކަމަށާއި އެކަން އެހެން ކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ލޯނު ނެގުމާއި ބޮންޑު ވިއްކުން ފަދަ ކަންކަމުން ދައުލަތުގެ މާލިއްޔަތަށް ބަދަލު އަންނަ އިރު އެކަންކަން ސާފުކޮށް އެނގިފައި ހުންނަވާނެ ކަމަށެވެ.
އަދި އެކަންކަމާ މެދު ހިސާބު ޖަހާ އޭގެ ސަބަބުން ދައުލަތަށް ކޮށްފާނެ އަސަރު އެނގެންވާނެ ކަމަށާއި އެ ނިންމުމުގެ ސަބަބުން ދައުލަތް ނުރައްކަލަށް ހުށަހެޅޭކަން ނުވަތަ ނޫންކަން ސާފުވާން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" ބޮންޑެއް ވިއްކޭ އިރު އޭގެ އިންޓްރެސްޓްވެސް އެ ބޮންޑް ފްލޯޓް ކުރުމުގައި އެހީތެރިވާ ބައެއްވެސް، ފްލޯޓް ކުރަން ގަސްތު ކުރާ ދުވަސްވަރަކާއި، ފްލޯޓް ކުރެވިފައިވާ ނަމަ ގަތުމަށް ޝައުގުވެރިވާ ފަރާތެއް ވޭތޯ އާއި، ގަތުމަށް ޝައުގުވެރިވަނީ ކިހާ އިންޓްރެސްޓެއްގައި ތޯ މި ބާވަތުގެ މައުލޫމާތު ހުންނަން ޖެހޭނީ ސާފުވެފައި. ދައުލަތެއް ރިސްކަކަށް ނުގެނެވޭނެ. ރިސްކަށް އަންނާނެ މައުލޫމާތު އެންމެންނަށް ސާފު ނުވަންޏާ. އަޅުގަނޑުމެންނަށް ސާފުކޮށް އެނގެން ޖެހޭ ރިސްކަށް ދޭތޯ ނޫންތޯ،" ނަޝީދު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރު ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއިން ފާސްކުރެއްވީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓަކީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާ އިރު، ހިލޭ އެހީގެ ގޮތުގައި 17.79 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ބަޖެޓްގެ ޑެފިސިޓް ނުވަތަ ދަރަންޏަކީ 15.50 ބިލިއަން ރުފިޔާއެވެ.
ބަޖެޓް ދިރާސާ ކޮމިޓީއިން ބަޖެޓަށް ބަދަލު ގެނެސްފައި ވަނީ އިއްޔެ ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާކުރުމަށްފަހު ކަމަށްވާ އިރު ކޮމެޓީން ގެނައި އިސްލާހުތަކާއެކު ބަޖެޓުގެ ޖުމްލަ އަދަދު މިހާރު 34.92 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އަދި އާމްދަނީ 21 ބިލިއަނަށް އިތުރުވެފައި ވާއިރު ކުރިއަށް އޮތް އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް އަރައެވެ.
އިންޑިއާ މިލިޓަރީ ސިފައިން ރާއްޖޭގަ ތިބިވަރެއް ވެސް އެންމެނައް އެގެންޖެހޭ ނޫންތޯ؟؟