ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކުއްލި ނުރައްކަލުގެ ހާލަތު ބާތިލްކޮށްދިނުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ހުށަހެޅުއްވި މައްސަލަ، ސުޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ.

ޔުމްނާ ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި އެދިފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އެ ޤަރާރުގެ ދަށުން ޤާނޫނުއަސާސީގެ 100 ވަނަ މާއްދާއާއި، 145 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާއަށް ޢަމަލުނުކުރާ ގޮތަށް ހަމަޖައްސަވާފައިވާތީ އާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވޭނީ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި ބަޔާންކޮށްފައިވާ ވަކި ޙާލަތްތަކެއްގައި އެކަނިކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރަކީ، އެ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއްނެތި، ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ސިޓީތަކަށް ޖަވާބު ނުދެއްވުމާއި، އެ ސިޓީތައް ބަލައިނުގަތުމަކީ، ޤަރާރު ނެރުއްވުމުގެ ސަބަބެއްކަމަށް ހިމަނުއްވާފައިވަނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާތީ، ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުގެ ޞައްޙަކަން ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރެއްކަމަށް ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރު ބާޠިލުކަމަށް ކަނޑައަޅައި ޙުކުމެއް ކޮށްދިނުމަށެވެ.

ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ވިދާޅުވެފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގެރޭ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެ އެކަމަށްޓަކައި ވަގުތުން ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވުން ކަން އެ ޤަރާރަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

މީގެ އިތުރުން، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެފައިވާކަން އިސްތިޚްލާޞްކޮށް އެ ޤަރާރުގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް އެ ޤަރާރުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ޤުދުރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، ނުވަތަ ބޭރުގެ ޙަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ" މިފަދައިން ބަޔާންކޮށްފައި އޮތްއިރު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ޤަރާރަކީ  ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ ޤަރާރެއްކަމަށް ބަލަންޖެހޭ ދުސްތޫރީ އެއްވެސް އަސާސެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ވިދާޅުވެފައިވެއެވެ.

އަދި ޤާނޫނުއަސާސީގެ 254 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި " ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމަށްޓަކައި ނެރޭ ޤަރާރުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާން ޖެހުނު ސަބަބާއި، އެ ނުރައްކަލަކާ ގުޅިގެން އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް ބަޔާންކުރާންވާނެއެވެ. އޭގެ ތެރޭގައި، މި ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ކަނޑައެޅިފައިވާ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން ބައެއް ޙައްޤުތަކާއި މިނިވަންކަން ވަގުތީގޮތުން ހިފެއްހެއްޓުމާއި، ބައެއް ޤާނޫނުތަކަށް ޢަމަލުކުރުން ވަގުތީ ގޮތުން ހުއްޓައިލުން ހިމެނިދާނެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ޤާނޫނުއަސާސީގެ 254 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ޙާލަތާގުޅިގެން އެޅިދާނެކަމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ "ޙަޞްރީ" (restrictive) ކޮށް ނުވަތަ ޤައިދުކޮށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކެއް ނޫންކަން އެ މާއްދާގެ ޢިބާރާތުން ސާފުކޮށް އެނގެން އޮންނައިރު ދައުލަތުގެ އަމްނުއާއްމު ރައްކާތެރިކޮށް ނެގެހެއްޓުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ޟަރޫރީ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަން އެ މާއްދާގެ ޢިބާރާތުންނާއި މަފްހޫމުން ރަނގަޅަށް އެނގެން އޮންނަކަން ސުޕްރީމް ކޯޓުގެ ނިންމުމުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުނު ޤަރާރަކީ ޤާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ޚިލާފު ޤަރާރެއްކަމަށް ބަލަންޖެހޭ ދުސްތޫރީ އަސާސެއް ނެތްކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އަދި ޔުމްނާ މައުމޫންގެ ފަރާތުން ހުށަހެޅި ސަބަބުތަކަށް ބަލައި، މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ ދަށުން ބަލައިގަންނަންޖެހޭ މައްސަލައެއް ކަމަށް ނުފެންނާތީ، މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. .އެކަކު ހުށަހަޅަންވީ ނޫން މިހާލަތުން ދަންމަން އަމުރެއް ނެރެދިނުމަށް.

  2. ބައްޕަ އާ ދިމާވާހިނދު މިހެން ކިޔާށެވެ. އޭބައްޕާއޭ ވެރިކަމަށް ވަކިވަރަކަށ