ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވާަ "ވާރލްޑް ހެލްތު އެސެމްބްލީ" ގެ 71 ވަނަ ބައްދަލުވުން މިއަދު ނިމިއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 194 މެންބަރު ޤައުމުން ބައިވެރިވި މި ބައްދަލުވުމުގައި ސިއްޙަތާއިބެހޭ ގޮތުން 23 މުހިންމު ބައިނަލް އަޤުވާމީ ނިންމުންތަކެއް ވަނީ ނިންމާފައެވެ. އަދި މިއަހަރުގެ ހެލްތު އެސެމްބްލީގައި ކުރިއަށް އޮތް 5 އަހަރަށް ކަނޑައަޅާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ސްޓެރެެޓިޖިކް ޕްލޭން ވަނީ މެމްބަރު ޤައުމުތަކުން ފާސްކޮށްފައެވެ.

މި ޕްލޭންގައި ޞިއްޙީދާއިރާއިން ޚާއްޞަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ޞިއްޙަތުގެ ކައުނީހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމަށާއި، ކުދިޖަޒީރާ ގައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ދަށްކުރުމަށާއި، ޞިއްޙީ ދާއިރާއިންެ އާއްމު ޞިއްޙަތާއި ގުޅުންހުރި އިމަރޖެންސީ ޙާލަތްތަކަށް އިތުރަށް ތައްޔާރުވުމަށް ޙާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

މިއަހަރުގެ ހެލްތު އެސެމްބްލީގެ ނައިބު ރައީސެއްގެ މަޤާމް ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީ ޚަދީޖާ ޢަބްދުލް ޞަމަދު ޢަބްދުﷲ ވަނީ އަދާކުރައްވާފައެވެ. ދިވެހި ވަފުދުން ވަނީ މިބައްދަލުވުމުގެ ހަވާސާގައި މެލޭޝިއާ، ޗައިނާ، ތައިލޭންޑް، ނޭޕާލް، ސައިޕްރަސްއާއި ސްޓޮޕް ޓީބީގެ ވަފްދާއި އެކު ބައްދަލުކޮށް، ޞިއްޙި ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ހޯދިދާނެ ގޮތްތަކަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މީގެ ތެރެއިން ޞިއްޙީ ހިދުމަތްތެރީން ތަމްރީން ކުރުމާއި އާއްމު ޞިއްޙަތުގެ ދާއިރާއާއި ސިއްހީ ހިދުމަތް ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ބެހޭޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މިއަހަރުގެ ހެލްތު އެސެމްބްލީގައި ބޭއްވުނު ސައިޑް އިވެންޓްތަކުގެ ތެރެއިން ދިވެހިރާއްޖެއިން 3 އިވެންޓެއް ވަނީ ކޯ-ސްޕޮންސަރ ކޮށްފައެވެ.

މިބައްދަލުވުންތަކުގެެެ ތެރޭގައި އެޗްއައިވީ/އެއިޑްސްއާޢި ގުޅުންހުރި އިވެންޓަކާއި، މެލޭރިއާ ނައްތާލެވިފައިވާ ގައުމުތަކާއި ނައްތާލުމަށް މަސައްކަތްކުރާ ގައުމުތަކުގެ ތަޖްރިބާ ހިއްސާކުރުމާއިބެހޭ އިވެންޓަކާއި އަދި ޞިއްޙަތުގެ ކައުނީހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ގައުމުތަކުން ކުރެވޭ މަސައްކަތް ހިއްސާކުރުމަށް ބޭއްވުނު އިވެންޓެއް ހިމެނެއެވެ.

މީގެއިތުރުން ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ހާއްސަ ފަންނީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ހާއްސަކޮށް ކުދިގައުމުތަކަށް ތިމާވެށީގެ ފަރާތުން ކުރާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރާ މަސައްކަތްތަކާއި ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރާ އަސަރުތަކަށް ވަނީ އަލިއަޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު