ރާއްޖޭގައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް އަމަލުތައް ތަހުގީގު ކުރުމުގެ ގާނޫނީ އޮނިގަނޑު ހިމެނޭ އިންތިގާލީ އިންސާފުގެ ބިލަކީ ވަކި ރައީސަކަށް އަމާޒުކޮށްފައިވާ ބިލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުން ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. އިދިކޮޅު ކޯލިޝަންގެ މެންބަރުން ވިދާޅުވާ ގޮތުގައި އެ ބިލަކީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ސަރުކާރާ އިދިކޮޅު އަޑުތައް ކަނޑުވާލުމުގެ ނިޔަތުގައި އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.

މި ގޮތުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެފަދަ މޭރުކަމުން ވާހަކަ ދައްކަވައި ނިންމެވުމުން އެހެން މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެ ބިލަކީ ރުޅިވެރިކަން ނައްތާލުމަށާއި ބަދަލު ހިފުމުގެ ރޫހު ދިވެހިންގެ ތެރެއިން ހަނިކުރުމަށް އެކުލެވިފައިވާ ގާނޫނީ އޮނިގަނޑެއް ކަމަށެވެ.

އެހެންކަމުން ބިލު އެކުލެވިފައިވަނީ ވަކި ރައީސަކަށް އަމާޒުކޮށްގެން ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ބިލުގައި ވަކި މައްސަލައެއް ތަހުގީގު ކުރުމަށް ވެސް ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑަކަށް އެ ގާނޫނަކުން ނުފެނޭ އެއީ ވަކި ރައީސަކު އަމާޒުވެގެން ވަކި ކަމެއް ބަލަން ވެގެން އެކުލަވާލެވިފައިވާ ގާނޫނެއް ކަމަށް. ގާނޫނުގައި ބުނަނީ 1953 އިން ފެށިގެން އިންތިޒާމުވެގެން ދިވެހި ވެރިންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުން ދެނެގަތުމަށް. ބެލުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންސާފު ގާއިމު ކުރުމަށާއި ތަރައްގީގެ މަގަށް ދަތުރު ކުރުމަށް ރައްޔިތުންނަށް ލިބިފައިވާ އަނިޔާއަށް އިންސާފު ލިބި، އެ ކަންކަމުގެ ހަގީގަތް ހާމަވާން ޖެހެއެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ ބިލުގައި ފުރަތަމަ ވަނީ ޖެނުއަރީ 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 ގެ ނިޔަލަށް ހިނގި ކަންކަން ތަހުގީގު ކުރާ ގޮތަށެވެ.

އެ މުއްދަތަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްކޮޅާއި ވެރިކަން ނިމުމަށް ފަހު އަލުން އެ ޕާޓީއަށް ސަރުކާރު ލިބި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގައި ދިޔަ މުއްދަތެވެ.

އެހެންކަމުން ބިލުގައި ވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ކަންކަމާއި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ހިނގި މައްސަލަތައް އެކަނި ބެލުން ކަމަށް ބުނެ އާންމުންގެ ފާޑުކިއުން އަމާޒުވިއެވެ.

މި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބޭއްވި ފޯރަމުގައި ހިޔާލު ފާޅުކުރި ގިނަ އަދަދެއްގެ އާންމުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ އިސް ބޭފުޅުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ވަކި މުއްދަތެއް ކަނޑައެޅިޔަސް ބިލުގައިވާ މުއްދަތު ކުރު ކަމަށް ގިނަ ބަޔަކު ފާހަގަކުރިއެވެ.

މަޖިލީހުގެ ހިއުމަންޓް ރައިޓްސް ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އިން އެ ބިލް ދިރާސާކޮށް އެކުލާވާލާފައިވާ ރިޕޯޓްގައި ވަނީ 1953 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހާ ހަމައަށް ހިނގާފައިވާ މައްސަލަތައް ތަހުގީގު ކުރާ ގޮތަށް ބިލް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ކަލޯގަޔާ އެންމެފުރަތަމަ މައުލޫން، އެމް.ޑީ.ޕީގެ ކުދިން 2004 އިން 2008 ހަމަޔައް ގޮވީ މައުމޫންގެ އަނިޔާ ވެރި ވާހަކަ އީވާން މަރާލިވާހަކަ، އަންނި މުޅިރާއްޖޭހަ ހުޅުޖެހި ، ދެން ވަހީދު ، އޭގެ ފަހުން ދޯ ޔާމީން އަންނާނީ؟ އެކަމް ބަލަން ހުރޭ ވާގޮތް ހަމަ އެމްއެމްޕީއާރުސީ ގެ މައްސަލަ އަށް ވާނީ 200 އެތައް ބަޔަކު ލިސްޓްގައި،އަނިޔާ ޔާމީން އަށް ، ތި ކުޅޭ ކުޅިގަންޑު މިހާރު އެބަ އެންގެޔޭ ދިވެހިންނަށް ،،،،،،،،

  2. ޢަލީ

    ދެން ތިޔަބޭފުޅާ ޖަލުގައި އޮންނެވިއިރޯ، ބާރަކީ އަތަށް ކިރާ އެއްޗެއް.ވާހަކަ ނުދައްކާ ކަލޯގަޔާ.3 އަހަރު މަޑުކޮށްލާ ތިޔަ ގޮނޑީގައި. ބާރަކަށް ދައިގަންްެލާނަންްް