ގެދޮރުނެތި މާލޭ މަގުމަތިން ޑަސްބިން ހޮވައިގެން ކާމީހުންގެ އަދަދު އިތުރުވެ، އާއްމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ޖެންޑާ މިނިސްޓްރީން މިއަދު މާލޭގައި ގެދޮރުނެތި އުޅޭ މީހުންގެ މައުލޫމާތު ރިޕޯޓް ކުރަން ހޮޓްލައިނެއް ގާއިމްކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަން ދިނުމުގެ މަޤުސަދުގައި ކަމާގުޅުންހުރި ދާއިރާތަކާއިއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އަނެއްކާވެސް ފަށާފައިވާ ކަމަށެވެ.

މާލެ ސިޓީގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކާއި ގުޅޭ މައުލޫމާތު ރިޕޯޓް ކުރުމަށް ޚާއްސަ ކުރެވިފައިވަނީ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 ކަމަށް ޖެންޑާ މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި އަދި ރަށްރަށަށް ދަތުރު ކުރުމުގެ ކުރިން ކަރަންޓީން ވާން ޖެހޭތީ އާއި ކަރަންޓީން ވާނެ ތަނެއް ނެތުމުން މާލޭގައި މަޑުކުރަން މަޖުބޫރު ވެފައިވާ އެތައް ބަޔަކު ވަންނާނެތަނެއް ނެތި ވަނީ މަގުމަތިވެފައެވެ. އެފަދަ ގިނަ މީހުން ކައިބޮއެ ހަދަނީ ސަލާން ޖަހައިގެންނާއި ޑަސްބިން ހޮވައިގެންނެވެ. ޑަސްބިން ހޮވައިގެން މީހުން ކައިބޮއެ އުޅޭ އެތައް ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގެއަށް ކުލި ނުދެއްކުނު މީހުންނަށް ސަރުކާރުން ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދިން ނަމަވެސް ފަހުން ވަނީ އެފަދަ މީހުންނަށް ވެސް ބޯހިޔާވަހިކަން ދިނުން ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާމިދު ޝާހިދު

    ތި ޓުއީޓެއް އެމީހުންނަކަށް ރީޗެއް ނުވާނެ. އެމީހުންނަކަށް ތިކަމެއް ނުވެސް އިނގޭނެ. މިޚަބަރެއްވެސް ނުފެންނާނެ. ނުވެސް ބަލާނެ. އެމީހުން އެއުޅީ އުޅޭނެތަނެއް ނެތިގެން މަގުމަތީގައި ސަލާންޖަހާ ތަންތަނުގެ ފެންޑާގަނޑަށް ވަދެ ނުވަތަ ފަޅުތަންތަނަށް ވަގަށް ވަދެއާއި، މިސްކިތްތަކުގައި ނިދައިގެން. ހޮޓްލައިނަކަށްވުރެއް މާ ރަނގަޅުވާނެ، މާލެ ތެރެ ބަލަހައްޓާ ފުލުހުން ޒިންމާދާރު ކުރުވާފައި އެމީހުންލައްވާ އެފަދަ މީހުން ހިފާ ހައްޔަރު ކުރިއްޔާ. އެއަށްފަހު، ތަހުގީގު ކުރުމުން އިނގޭނީ މީނާއަކީ ތެދުވެރި މީހެއްކަން ނުވަތަ، އެހާލަތު ނައިނަމަވެސް، ކަންފަސޭހައަކަށް މަސައްކަތެއް ނުކޮށް މާލެތެރޭގައި ސަލާން ޖެހަނީތޯ ނުވަތަ ވެސް އިނގޭނީ.

    15
  2. ާަައަހުމަދު ޖަވާަދު

    ދެއްކުން ތެރިކަން ނޫން ކަމެއް ނޯންނާނެ.