ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް ދިރާސާކުރި މަޖިލީހުގެ ބަޖެޓް ކޮމިޓީއިން އިތުރު ކުރި 200 މިލިއަން ރުފިޔާއާ އެކީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފިއެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓްގައިވާ ގޮތަށް ބަޖެޓް ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ. ބަޖެޓްގެ ވޯޓުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓްގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާއެވެ. އެ ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި ވަނީ 15.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެއީ މިހާތަނަށް ހުށަހެޅި އެންމެ ޑެފިސިޓް ބޮޑު ބަޖެޓެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރުކޮށް 43.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދުމަށް ފަހު އާމްދަނީ ލަފާ ކުރާ މިންވަރު ވަނީ 21 ބިލިއަން ރުފިޔާއަށް އިތުރުކޮށް ފާސްކޮށްފައެވެ. އެހެންވެ ޑެފިސިޓް ވަނީ 12.3 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ވަނީ އަންނަ އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާއަށް އުނި އިތުރު ގެނެސްފައެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓަށް ވެސް އުނި އިތުރު ގެނެސްފައިވާ އިރު އިތުރު ބަދަލުތައް ވެސް ބަޖެޓަށް ވަނީ ގެނެެސްފައެވެ.

ބަޖެޓް ދިރާސާ ކޮމިޓީއިން ބަޖެޓަށް ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކާއި ބައެއް އިދާރާތަކުގެ ބަޖެޓަށް ގެނައި ބަދަލުތައް ފާހަގަކުރެވެއެވެ.

އެގޮތުން އޭސީސީއަށް 1.5 މިލިއަން، ބްރޯޑްކާސްޓިން ކޮމިޝަނަށް 1.9 މިލިއަން، ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް 8 ލައްކަ ރުފިޔާ އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 5 ލައްކަ ރުފިޔާ އިތުރު ކުރުކުރަން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ޕީޖީ އޮފީހާއި ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އަށް ދެ މިލިއަން، މީރާއަށް 1.5 މިލިއަން ރުފިޔާ، އެލްޖީއޭ އަށް 2.5 މިލިއަން ރުފިޔާ، އެންއައިސީއަށް އެއް މިލިއަން، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ ދެ މިލިއަން، އިސްލާމިކް ޔުނިވާސިޓީ އަށް ދެ މިލިއަން، ގައުމީ ޔުނިވާސިޓީއަށް ދެ މިލިއަން އިތުރު ކުރުމަށް ވެސް އެ ކޮމިޓީ އިން ވަނީ ނިންމައިފައެވެެ.
ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 8.9 މިލިއަން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް 11 މިލިއަން، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދެ މިލިއަން، ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ދެ މިލިއަން، ސިވިލް ސާވިސް ކޮމިޝަނަށް 2.1 މިލިއަން، އެޗްއާރްސީއެމް އަށް 1.9 މިލިއަން ރުފިޔާ އިތުރު ކުރުމަށް އެ ކޮމިޓީއިން ވަނީ ނިންމާފައެވެ.

ކޮމިޓީއިން ބަދަލު ގެނައި އިތުރު ކަންކަމަށް ބަލާއިރު އާމްދަނީ ހޯދަން އިތުރުކުރާ ކަންކަމާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ.

އެގޮތުން ޓެކްސް އަށް ގެނައި ބަދަލުތަކަށް ބަލާއިރު، ޓީޖީއެސްޓީގެ ގޮތުގައި 598 މިލިއަން، ގްރީން ޓެކްސްގެ ގޮތުގައި 253 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައި ވާއިރު، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 218 މިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި އޭޑީސީން 219 މިލިއަން، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން އަދި ހަރުމުދަލުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަާަތުމަ

    ފަސްކުރި ކަމަށް ހިީ ވީ

    4
    1
  2. ޑަބިޔާ

    ބޮޑު ބަޖެޓް ކަމަށް ބުނެ ފާސްކުރީ ކޮބްބައެއްބާ

  3. އުބޭ

    ދެން ފެންފޮދަކާ ނުލާ އެކީ ދިރުވާލަގަ. އޭރައްތިކަން ހަމަޖެހުނީއެއްނޫން.