ބައެއް ސަރަހައްދުތަކުގައި ކަރަންޓު ކެނޑިފައި އޮންނަތާ ގާތްގަނޑަކަށް ތިން ގަޑިއިރެއްހާ އިރު ފަހުން ހުޅުމާލެ އަށް އަލުން ކަރަންޓު ދީފިއެވެ.

ސްޓެލްކޯ އިން މިއަދު ވިދާޅުވީ ދިމާވި ޓެކްނިކަލް ހައްލުކޮށް ހުޅުމާލެ އަށް ކަރަންޓު ދީފައި ވަނީ 17:40 ހާއިރު ކަމަށެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ވިދާޅުވިއެވެ.

"މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން މި ކުންފުންޏަށް އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ސްޓެލްކޯ އިން ކުރި ޓުވީޓުގައިވެއެވެ.

ހުޅުމާލެ އިން ކަރަންޓު ކެނޑިފައި ވަނީ މިއަދު މެންދުރު ފަހު 2:45 ހާއިރުއެވެ. އަދި ބައެއް ސަރަހައްދުތަކަށް ދެ ގަޑިއިރު ފަހުން ވެސް ކަރަންޓު ދީފައިވެއެވެ. ހުޅުމާލޭގެ 70 އިންސައްތަ ސަރަހައްދުތަކަށް ކަރަންޓު ދީފައި ވަނީ ގާތްގަނޑަކަށް އެއް ގަޑިއިރެއްހާ އިރު ތެރޭގައެވެ. އެކަމަކު ބައެއް ސަރަހައްދުތަކުގައި ތިން ގަޑިއިރެއްހާ އިރަށް ވެސް ކަރަންޓު ނުލިބި ހުއްޓެވެ.

ހުޅުމާލެއިން ކަރަންޓް ކެނޑެން މެދުވެރިވި ކޮން ކަހަަލަ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަން ހާމަކޮށްފައެއް ނުވެއެވެ.