ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދިނުން ހުއްޓާލައި ކުރިން އަމަލުކުރަމުން އައި ގޮތްތަކަށް ފެމެލީ ކޯޓުން ކައިވެނި ކޮށްދިނުން ރުޖޫއަކޮށްފިއެވެ.

ފެމެލީ ކޯޓުން މި ބަދަލު ގެނެސްފައި ވަނީ، މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނޫނީ ކައިވެނި ނުކޮށްދޭން އެ ކޯޓުން ގެނައި ބަދަލު ނިމުމަކަށް އައިސްފައިވާކަން އިއުލާންކުުރަމުންނެެވެ.

ފެމެލީ ކޯޓުންން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދެމުން އައި އައުމަށް މިހާރު ބަދަލު ގެނެސްފައިވާ ކަަމަށާއި، މިހާރު ކުރިން އެ ކޯޓުން ކޮށްދެމުން ދިޔަހެން ކައިވެނިކުރުމަށް ކޯޓުން ބޭރަށް ގޮސް، އަދި ކޯޓަށް ހާޒިރުވެެ ކައިވެނި ކުރެވޭނެ ކަމަށެވެ. މި ބަދަލަށް އަމަލުކުރަން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެެވެ.

އަދި މިއާއި އެކު ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް އެދިފައިވާ ފަރާތްތަކަށް އެކަން ވެސް ހަމަޖެހިގެންދާނެ ކަމަށް އެކޯޓުން ވަނީ ހާމަކޮށްފައެވެ. އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންސްތަކަށް އަމަލު ކުރާނެ ކަމަށެވެ.

އަދި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ މީހުން ނޫޅޭ ގްރައުންޑް ފްލޯގައި ހުންނަ އެޕާޓްމެންޓެއްގައި ކަަމަށެވެ. ގްރައުންޑް ފްލޯރ އަށްވުރެ މަތީ ފަންގިފިލާގައި މި އިސްލާހުތަކާއި އެކު ކައިވެނި ނުކުރެވޭނެ އެވެ.

މީގެ އިތުރުން ކައިވެނި ކުރާ ތަނުގެ މޭޒާއި، އެހެން އިންތިޒާމްތައް ހުންނަން ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް އެ ކޯޓުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.