ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ބާއްވާ އުސޫލު ބަދަލު ގެންނަ ކުޅިވަރު ގާނޫނަށް އިސްލާހު ގެންނަ ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ދިރާސާކުރަން އެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލް ބަލައިގަންނަން ފާސްކުރީ 42 މެންބަރުންގެ ވޯޓުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ތަޅުމަށް ބަލައިގަތުމުން ބިލް ދިރާސާކުރަން އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައިވާ ކަން މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޕޯޓްސް މިނިސްޓަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލުގައިވާ އެންމެ ބޮޑު އެއް އިސްލާހަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހަވާލު ކުރުމެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި އިސްލާހު ހުށަހެޅުއްވުމުގެ ވިސްނުން އައީ ވީހާ ވެސް އިތުބާރު ކުރެވޭ ގޮތަކަށް އިންތިހާބުގެ ކަންކަން ބައްޓަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތައް އިތުރަށް ޑިމޮކްރެޓައިޒް ކުރުމުގެ ވިސްނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އީސީގެ ބެލުމުގެ ދަށުން އެސޯސިއޭޝަންތަކުގެ އިންތިހާބު ބޭއްވުމާ މެދު އެސޯސިއޭޝަންތަކާއި ކުޅިވަރު ގިނަ ޝަހްސިއްޔަތުތަކުގެ ކަންބޮޑުވުން އެބަ އޮތެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ތިންވަނަ ފަރާތެއް މެދުވެރިކޮށް އެސޯސިއޭޝަންތަކުގެ އިންތިހާބު ބޭއްވުމަކީ ބައިނަލް އަގްވާމީ ކުޅިވަރު ފެޑެރޭޝަންތަކުގެ އުސޫލުތަކާއި އޮލިމްޕިކް ޗާޓަރާ ހިލާފު ކަމެކެވެ. މި ކަމުގެ ސަބަބުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ބުނެއެވެ.

އެކަމަކު ހަސަން ލަތީފްއާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ގަބޫލު ކުރައްވަނީ އެ އިސްލާހުތަކުގެ ސަބަބުން އެއްވެސް ބައިނަލްއަގްވާމީ ކުޅިވަރު ފެޑެރޭޝަންއަކުން ރާއްޖެއާ މެދު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

މީގެ އިތުރުން ސްޕޯޓްސް ކައުންސިލް އަލުން އެކުލަވާލަން ޖެހޭ ގޮތަށް ވެސް ބިލްގައިވެއެވެ. އަދި އެ ކައުންސިލްގެ މެންބަރުންގެ ތެރެއިން އެސޯސިއޭޝަންތައް ތަމްސީލް ކުރާ މެންބަރުން އިންތިހާބު ކުރަން ޖެހޭ އިންތިހާބު ވެސް ބާއްވާނީ އީސީ އިން ކަމަށް ވެސް އެ ބިލްގައިވެއެވެ. ކުރިން އިންތިހާބު ބާއްވަނީ އެ ކައުންސިލް މެދުވެރިކޮށެވެ.

މި ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އީސީ އިން އެ އިންތިހާބު ބާއްވައި ސްޕޯޓްސް ކައުންސިލް އަލުން އެކުލަވާލަން ވާނެ ކަމަށް ވެސް އެ ބިލްގައިވެއެވެ.

2015 ވަނަ އަހަރު ވުޖޫދު ކުރި ކުޅިވަރު ގާނޫނުގައި އެކުލާވަން އޮންނަ ސްޕޯޓްސް ކައުންސިލްއަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް އެއް ޒިންމާއެއް އޮންނަ ކައުންސިލެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާޟީ

    މިނިސްޓަރު ކަމުގަ ހުރި ދުވަސްވަރު ކައްވާލި ލާރިގަނޑު ސަރުކާރައް މިހާލަތުގަ ދެއްކިނަމަ ރަގަޅުވީސް