ރޭ ސްރީލަންކާ އަށް އެރި ތޫފާން ބުރެވިގެ ސަބަބުން އަދި އެގައުމުގެ އެއްވެސް ސަރަހައްދަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓް ލިބިފައި ނުވާކަމަށް ލަންކާގެ ޑިސާސްޓާ އޮތޯރިޓީން މިއަދު ހެނދުނު ބުނެފިއެވެ.

ނަމަވެސް ސްރީލަންކާ އިން ވަނީ އަނެއްކާވެސް އެގައުމަށް ނެރެފައި އޮތް ރަތް ސަމާލުގެ ވަގުތު އިތުރުކޮށްފައެވެ.

ބުރެވި ތޫފާންގެ ސަބަބުން ސްރީލަންކާ އަށް މިހާރު ވެސް ދަނީ 70 މޭލާއި 80 މޭލާއި ދެމެދުގައި ވައި ޖެހެމުންނެވެ. އަދި ބައެއް ވަގުތުތަކުގައި 90 މޭލަށް ވެސް ދަނީ ވައި ގަދަ ވަމުންނެވެ. ސްރީލަންކާގެ މޫސުމާއި ބެހޭ އިދާރާ އިން ބުނާ ގޮތުގައި ތޫފާންގެ ސަބަބުން ވަރަށް ބޮޑަށް ކަނޑުގަދަވެ، އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް އުދަ އެރުން ވެސް ގާތެވެ.

އެހެންކަމުން ސްރީލަންކާގެ އުތުރުގެ އެއްވެސް ސަރަހައްދަކުން ކަނޑުމައްޗަށް ނުނިކުންނަން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

މިއަދުގެ ވަގުތެއްގައި ބުރެވި ތޫފާން އަވައްޓެރި އިންޑިއާ އަށް އަރާނެ ކަމަށް ބެލެވެއެވެ.

ބުރެވި ތޫފާންގެ ސަބަބުން އަންނަ ހޮނިހިރު ދުވަހާއި ހަމައަށް ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެއެވެ. އޭގެތެރޭގައި ސްރީލަންކާ އާއި އިންޑިއާގެ އިތުރު ދިވެހިރާއްޖެ ވެސް ހިމެނެއެވެ.

ތޫފާން ދަތުރުކުރަމުންދަނީ ހުޅަނގު-ހުޅަނގު އުތުރަށް ރާއްޖޭގެ އުތުރުން ގަލް އޮފް މަނާރަށެވެ. ތޫފާންގެ އަސަރު ރާއްޖެ އަށް ކުރަމުން ގެންދާތީ މިއަދު މެންދުރު ފަހު 14:30 އާއި ހަމައަށް ރާއްޖެ އަށް ވަނީ ހުދު ސަމާލު ނެރެފައެވެ.